ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގައި ބަހައްޓާފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމުން ގަޑީރެއްގެ ތެރޭ 1،200 ދާގީނާ ސްކޭން ކުރެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ބެގޭޖް ހޭންޑްލިން ސިސްޓަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ، އާ ޓާމިނަލް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާ ޓާމިނަލް ކަމަށާއި އަދި މި ސިސްޓަމްތަކަކީ މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމްތަކެއް ކަމަށެވެ.

އަދި ހަމަ އެހެންމެ މި ބެގޭޖް ހޭންޑްލިން ސިސްޓަމްގައި ގަޑިއިރެއް ތެރޭގައި 1200 ދާގީނާ އަދި މިނެޓެއް ތެރޭގައި 20 ދާގީނާ ސްކްރީން ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ ކަމަށާއި މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު ދާގީނާ ސްކޭން ކުރުމަށް ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހޭކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ، މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ ކަަމަށެވެ.

އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ ކަމަށާއި އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ފުރަތަމަ މަރުހަލާ:

  • ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް.
  • މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
  • އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން.
  • މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
  • މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ ދެ ވަނަ މަރުހަލާއަށް

އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ދެވަނަ މަރުހަލާ:

  • މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
  • މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
  • އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
  • ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
  • މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ. މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް

އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ދެވަނަ މަރުހަލާ:

  • މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
  • މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
  • މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
  • އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
  • މި މަރުހަލާގައި ދާގީނާ އިން މަތިންދާބޯޓަށް އަރުވަން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެ. އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންގޮސް. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައި. އަދި ދާގީނާ އިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެ

އެމްއޭސީއެލް އިން ބުނީ، ރާއްޖެ އަންނަ ފަސިންޖަރުންގެ ދާގީނާ ސްކްރީން ކުރާއިރު މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގައި ދާގީނާ ނެރެން އިންނަނީ 4 ބެލްޓް ކަމަށް ވުމުން ވައިގެ މަގުން ރާއްޖެ އަންނަ ފަސިންޖަރުން އިމިގްރޭޝަން މަރުހަލާ ނިމި، ދާގީނާ އަންނަން ދެން ގިނަ ވަގުތު މަޑުކުރަން ޖެހުމަކީ ބޮޑު ބުރައަކާއި ޝަކުވާއެއް ކަމަށާއި ހާއްސަކޮށް ގިނަ ފްލައިޓުތަކެއް އެއްފަހަރާ އަތުވެއްޖެ ނަމަ އެރައިވަލް ހޯލް ފުރި ތޮއްޖެހުމަކީ ދިމާވާ ބޮޑު ދައްޗެއް ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް އާ ޓާމިނަލުގައި ދާގީނާ ނެރެން 6 ބެލްޓް ހުންނާނެ ކަމަށާއި ދާގީނާ ސްކޭން ކުރުމަށްފަހު ނެރުމަށް ބޭނުން ކުރާނީ ހައި ސްޕީޑް މެޝިންތަކަށްވުމުން، މިކަމުގެ ސަބަބުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.