ސިވިލް ސޮސައިޓީ އެވޯޑު 2025 އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ސިވިލް ސޮސައިޓީ އެވޯޑަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ އަދި ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްއިއްޔާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިވިލް ސޮސައިޓީ އެވީޑާ އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން މިރޭ 21:00ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައި ވާއިރު މި ސެޝަންގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައި ވާ ކިއުއާރް ކޯޑު ނުވަތަ ގޫގުލް މީޓްގެ ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިނާމަށް ޖުމްލަ 9 ދާއިރާއަކުން ކުރިމަތިލާން ވަނީ ހުލުވާލާފައެވެ. އެއީ

  • އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
  • ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
  • އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް
  • އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
  • ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
  • ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް. އެންޑް ހެރިޓޭޖް
  • ޕްރޮމޯޝަން އޮފް އާޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ
  • އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
  • ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން

ޔޫތު މިނިސްޓްރީން ބުނީ މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވިގެން ދާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.

މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، ޖުލައި 10، 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ މި މިނިސްޓްރީގެ އީމެއިލްއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.