ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ނިމިދިޔަ ޖޫން މަހު 7 މިލިއަން ރުފިޔާގެ އެހީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދީފިއެވެ.

އެންސްޕާ އިން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ މެއި މަހުގެ އެހީގެ ތަފްސީލުގެ ތަފާސްހިސާބުތައް ނެރެފައިވާއިރު، ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ޖުމުލަ 7،421،851.64ރ ވަނީ ދީފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ޖުމުލަ 190 ކޭހަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އެ ކޭސް ތަކަށް ޖުމުލަ 3،228،935.21ރ. ފޯރުކޮށްދީފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލު ހާމަކުރަމުން އެންސްޕާ އިން ބުނީ އޭޑީކޭއިން އެންމެ ގިނައިން އެހީ ފޯރުކޮށްދެވުނު ކޭސްތަކަކީ ވިހެއުމާއި ގުޅޭ ކޭސްތައް ކަމަށެވެ. އެގޮތުން ވިހެއުމާއި ގުޅޭ 27 ކޭހެއް ބަލާފައިވާއިރު، ނާރުގެ ބަލިތަކާއި ގުޅޭ 18 ކޭހެއް އަދި ނޭވާލާނިޒާމުގެ 16 ކޭހެއް ބަލާފައިވެއެވެ.

އިތުރަށް އެންސްޕާއިން ބުނީ ޓްރީޓޮޕުން ވެސް އެނދުމަތިކޮށްގެން ހޯދާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން 334 ކޭހަކަށް ޖުމުލަ 4،192،916.43ރ ދީފައިވާކަމަށެވެ. އޭގެތެރޭގައި 53 ކަށީގެ ބަލީގެ ކޭހަކަށް ޖުމުލަ 1،221،484.69ރ. ހަމަޖައްސައިދީފައިވެއެވެ. މީގެއިތުރުން ވިހެއުމާއި ގުޅޭ 64 ކޭސް ބަލާފައިވާއިރު، އަންހެނުންގެ ބަލިތަކަށް ހާއްސަ 37 ކޭސް އަދި ގެސްޓްރޯއިންޓެސްޓައިނަލް 40 ކޭހެއް ބަލާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިއަދުގެ އަމާޒަކީ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އާއި އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމުގައި ވިދާޅުވެފައެވެ.