މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މިއަދު ހުޅުއްވާދެއްވައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ހިދުމަތް ދެއްވާ ފަރާތްތަކާއި، ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.
ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމުން އެ މަޝްރޫއަށް ހާއްސަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫއު އަވަހަށް ކުރިއަށްގެންދިއުމަށް ސިފައިންނާއި ހަވާލުކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
ސިފައިންނާ ހަވާލުކުރުމުން އެބޭފުޅުން ވަނީ ގާތްގަނޑަކަށް 1 މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކޮށްފައެވެ. ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސް ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފައެވެ. އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައި ވެއެވެ.
ހަމައެއާއެކު، އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވެއެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުންވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތައާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ހިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ.
މި މަހު ކުރިއަށްދިޔަ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސަވާފައެވެ.
މީގެ އިތުރުންވެސް، މި އަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ހައްގުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި، އެކަން ހަގީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.