ހދ. ނޮޅިވަރަމުގައި މޫދަށް އެރި އުޅުނު 63 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މި ފިރިހެން މީހާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ މިއަދު 17:35 ހާއިރުކަމަށާއި އެއާއެކު ކައުންސިލާއި ޕޮލިހުންގެ އިތުރުން ރަށުގެ އެހެން ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އާއިލާއާއި ހަވާލާދީ މުސްތަފާ ވިދާޅުވީ އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށެވެ.

މި ފިރިހެން މީހާ އަކީ ކޮންމެ ދުވަހެއްގެވެސް މެންދުރު ނަމާދު ކުރިން ނޮޅިވަރަމުގައި އާންމުކޮށް މޫދަށް އެރުމަށް މީހުން ގޮސް އުޅޭ އޮޑި އެހެލާ ސަރަހަށްދައް މޫދަށް ދާ މީހެއް ކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ސަރަހައްދު ބަލަން ދިޔަ އިރު އޭނާ ދުއްވާ ބައިސްކަލުވެސް އެތާގައި ހުރި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެ ސަރަހައްދު ބަލާ ހޯދުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު މޫދުން ފެނިފައިވާ ކަމަށާއި، އެއާއެކު ސިއްހީ މަރުކަޒަށް ގެންދެވިފައިވާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

މޫދަށް ގޮސް އުޅުމުގެ ތެރޭގައާއި މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި ދިވެހިންނާއި ބިދޭސީއިން ގެއްލިފައި ވާއިރު އެފަދަ ހާދިސާތަކުގައި މީގެ ކުރިން އެތައް ބަޔަކު މަރުވެސްވެފައިވެއެވެ.