މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައު ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައިފިއެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ސަރަހައްދީ ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެމްބަރު ގައުމުގެ ވަޒީރުންނާއި އިސް އޮފިޝަލުންނާއި އައިއޯރާ ޗާޓަރުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާއި އުސޫލުތަކުގައި ހިފެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ.

އައިއޯއާރުއޭއަކީ އިންޑިޔާ ކަނޑުގައި ހިމެނޭ ސަރަހައްދުގައި އޮންނަ ގައުމުތައް ގުޅިގެން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމަށް 1997 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެެވ.

އައިއޯއާރުއޭގެ މެންބަރު ގައުމަކަށް ރާއްޖެވީ ނޮވެމްބަރު 8، 2019 ވަނަ ދުވަހުއެވެ.