މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.
އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި މަޝްރޫއު ނިމުމުން މުލީގެ އިތުރުން މި އަތޮޅުގެ ގިނަ ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މުލީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު މިއީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހަދާ ހޮސްޕިޓަލެއް ކަމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.