މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ޕެސެންޖާ ފްލައިޓު ޖައްސާފައިވާ އިރު ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގައި ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު މުލީ އެއާޕޯޓް ހުޅުވާފައިވާ އިރު، އިއްޔެ އެ އެއާޕޯޓަށް މި ވަނީ ފުރަތަމަ ކޮމާޝަލް ޕެސެންޖާ ފްލައިޓް ޖައްސާފައެވެ. މިއާއެކު ރީޖަނަލްސް އެއާޕޯޓްސް އިން ބުނީ، މިއީ ވަރަށް ފަހުރުވެރި ދުވަހެއް ކަމަށާއި މުލީ އެއާޕޯޓަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މުލީ އެއާޕޯޓަށް ދަތުރުތައް ބޭއްވޭ ގޮތަށް ރީޖަނަލް އެއާޕޯޓްސް އިން ފުރުސަތު ހުޅުވާލި އިރު، މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.

އެ ގޮތުން އިއްޔެ މޯލްޑިވިއަންގެ ފްލައިޓް އެ އެއާޕޯޓްގައި ޖައްސާފައިވާ އިރު، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ފްލައިޓް ބާއްވަން ވަނީ ޝެޑިއުލް ކޮށްފައެވެ. އެ ގޮތުން އިއްޔެގެ ފްލައިޓް މާލެއިން ފުރީ މެންދުރު ފަހު 3:30 ގައެވެ. އަދި މުލީ އެއާޕޯޓުން މާލެއަށް އައުމަށް އެ ފްލައިޓް ފުރާފައި ވަނީ ހަވީރު 4:45 ގައެވެ.

މުލީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، ބިން ހިއްކުމުގެ މަޝްރޫއު ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. 11 އަހަރުގެ ތަސައްވުރަކާއި އެކު ނިންމާލި މި އެއާޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްގީ ކޮށްފައިވާ އިރު، އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެއާޕޯޓްގެ މުޅި މަޝްރޫއު ނިންމާލި އިރު 540 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މީމު އަތޮޅަކީ ކުޑަ އާބާދީއެއް އޮތް އަތޮޅެއް ނަމަވެސް ގުދުރަތީ ގޮތުން މުއްސަނދި، ފަތުރުވެރި ކަމަށް ތަރައްގީ ކުރުމަށް ފުރުސަތު އޮތް އަތޮޅެއް ކަމަށް ކޮންސްޓަރަކްޗަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އެ އެއާޕޯޓް ހުޅުވިގެން ދިއުމަކީ ފަތުރުވެރިކަމުގެ އެތައް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރާއްޓެއް ކަމަށާއި، އިގްތިސޯދީ ގޮތުން އެ އަތޮޅަށް ކުރިއެރުން ވެސް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.