އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެއެވެ.

ބައިޑަންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، ބައިޑަން އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ޔުރީނަރީ އަލާމާތްތައް ގޯސްވަމުން ދަނިކޮށް ޕްރޮސްޓޭޓް ނޮޑިއުލެއް ފެނުމާ ގުޅިގެންނެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ބައިޑަން އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓުތަކަށް ފަހު ކަމަށާއި، ކެންސަރު އޭނާގެ ކަށިގަނޑަށް ވެސް ފެތުރިފައިވާ ކަމަށެވެ.

ނަމަވެސް ޕްރޮސްޓޭޓް ކެންސަރަކީ ހޯމޯން ސެންސިޓިވް ކެންސަރުގެ ބާވަތެއް ކަމުން، އެކަށީގެންވާ ފަރުވާ ހޯދޭނެ ކަމަށް ބައިޑަންގެ އޮފީހުން ބުނެފައި ވެއެވެ.

"[ކުރީގެ] ރައީސް އާއި އެމަނިކުފާނުގެ އާއިލާއިން މިހާރު ގެންދަވަނީ ޑޮކްޓަރުންނާ އެކު ފަރުވާގެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ،" އެ ބަޔާނުގައި ވެއެވެ.

ބައިޑަން އަށް ކެންސަރު ޖެހިވަޑައިގެންނެވި ހަބަރާ އެކު، އެމެރިކާގެ މިހާރުގެ ރައީސް ޑޯނާލްޑް ޓްރަމްޕާއި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ބައިޑަންގެ ހާލާ މެދު ހަމްދަރުދީ ފާޅުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އެމެރިކާގެ ނައިބު ރައީސްކަން 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ކުރީކޮޅުގެ ނިޔަލަށް ކުރެއްވި ބައިޑަން ވަނީ އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން 2025 ގެ ކުރީކޮޅުގެ ނިޔަލަށް އެ ގައުމުގެ ރައީސްކަން ކުރައްވައިފައެވެ. ނައިބު ރައީސަކަށް ވަޑައިގެންނެވުމުގެ ކުރިން 1973 ވަނަ އަހަރުން ފެށިގެން އެމެރިކާގެ މަތިގޭގައި ބައިޑަން މަސައްކަތްކުރައްވާފައި ވެއެވެ.