ތ. ވޭމަންޑޫ ކައުންސިލަށް ލިބެން ޖެހޭ 1.38 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަމަށާއި އެ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލުން އަޅާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

2023 ވަނަ އަހަރުގެ ތ. ވޭމަންްޑޫ ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެކިއެކި ތަންތަނުން ލިބެންޖެހޭ ފައިސާގެ ގޮތުގައި 1،387،066 ރުފިޔާ ހިމަނެއެވެ. މި ފައިސާތަކުގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ނުލިބި ހުރި ފައިސާތަކެއް ވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެ ފައިސާތައް ހޯދުމަށް ގަވާއިދުގައި ބަޔާންކުރާ ފިޔަވަޅުތައް އަޅަންޖެހޭ މަރުހަލާތަކުގައި އަޅާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެގޮތުން ބީއެމްއެލް އަދި އެސްޓީއޯގެ ޑިވިޑަންޓްގެ ގޮތުގައި ލިބެންޖެހޭ 880،720 ރުފިޔާ ހިމެނޭ އިރު މި ފައިސާ ވެސް ހޯދާފައެއް ނުވެއެވެ. ހަމައެއާއެކު 2023 ވަނަ އަހަރު ހޯދަން ޖެހޭ ފައިސާގެ ގޮތުގައި ޖުމްލް 209،429 ރުފިޔާ އާއި އޭގެ ކުރިއަށް ދިޔަ ފަސް އަހަރު ތެރޭ ލިބެން ޖެހޭ އަދި ހޯދާފައި ނުވާ 109،614 ރުފިޔާ އާއި ކުރިއަށް ދިޔަ 6 އަހަރާއި 10 އަހަރުގެ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ އަދި ހޯދާފައި ނުވާ 162،182 ރުފިޔާ ހިމެނެއެވެ. މި ފައިސާ ތަކުގެ ތެރޭގައި ކުޅިގެ ގޮތުގަިއ ލިބެން ޖެހޭ ފައިސާ އާއި ދޫކޮށްފައިވާ ލޯނުތަކަށް ލިބެން ޖެހޭ ފައިސާ އާއި، ދަތުރު ހަރަދުގެ ގޮތުގައި ކޯށްފަިއވާ ހަރަދަށް ލިބެން ޖެހޭ ފައިސާ ހިމެނެއެވެ.

ހަމައެއާއެކު ތ. ވޭމަންޑޫ ކައުންސިލުން 4 ފަޅުރަށެއް ސާފުކޮށް ބެލެހެއްޓުމަށް ކުއްޔަށް ދޫކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށެވެ. އެ ރަށްރަށަކީ ހަތިފުށި، ކަފިދޫ، ކަނޑުފުށި، އޮޅުދިޔަފުއްޓެވެ. މި ހަތަރު ތަން ވަނީ 2023 ވަނަ އަހަރުގައި 5 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދީފައެވެ. ފަސް އަހަރުތެރޭ މިތަންތަނުން ލިބޭ ކުލީގެ އަގުގެ ޖުމްލަ އަކީ 832000 ރުފިޔާއެވެ.

މާލިއަޔަތު ގަވާއިދުގައި ވާ ގޮތުގައި 35،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާގެ މުއާމަލާތްތަކުގައި ހުއްދަ ދޭނީ ބިޑް ކޮމިޓީން ނިންމާ ގޮތުގެ މަތިންނެވެ، ނަމަވެސް މި މުއާމަލާތްތައް ހިންގާފައި ވަނީ ބިޑް ކޮމިޓީން ނިންމައިގެން ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. މި ރަށްތައް ކުއްޔަށް ދިނުމަށް ހަދާފަިއވާ އެއްބަސްވުމުގައި ވާ ގޮތުގައި ބިމު ކުލި ކނަޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފި ނަމަ ނުދައްކާ ހިންގާ ކޮންމެ ދުވަހަކަށް އަހަރު ދުވަހުގެ ކުޅީގެ 1 ޕަސެންޓް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެއެވެ. ނަމަވެސް މި ރަށްތަކުގެ ފުރިހަމަ އަހަރު ކުލި ލަހުން ދައްކާފައިވާ އިރު އެއް ބަސްވުމާ އެއްގ9ޮތަށް ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭ 21،580 ރުފިޔާ ދައްކާފައެއް ނުވެއެވެ.

އަތޮޅު ސްޓޯރުގެ ހިންގުމުގައި އޮޑިޓަށް ފާހަގަވި ކަންކަން:

  • އަތޮޅު ސްޓޯރުގެ ވިޔަފާރި ލޯކަލް އޮތޯރިޓީ ކުންފުންނެއްގެ ދަށަށް ބަދަލުކޮށްފައި ނުވުން
  • ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ބޭރުން ކައުންސިލްގެ އިދާރާއަށް މުދާ ގަތުމުގަށް އަތޮޅު ސްޓޯރު ބޭނުންކޮށްފައި ވުން
  • އަގު ހެޔޮ ކޮށް މުދާ ލިބެން ހުއްތާ އަގު ބޮޑުކޮށް އަތޮޅު ސްޓޯރުން މުދާ ގަނެފައިވުން
  • އަތޮޅު ސްޓޯރުން ވިއްކަން ގެނެސްފައި ހުރި މުދާތަކުގެ ސްޓޮކް ބާކީ ގަވާއިދުން ބަލަހައްޓަމުން ގެންގޮސްފައި ނުވުން

2023 ވަނަ އަހަރު އަތޮޅު ސްޓޯރުގެ ވިޔަފާރިއަށް ކެޕިޓަލްގެ ގޮތުގައި 700،000 ރުފިޔާ ކައުންސިލުން ފާސްކޮށްފައިވާ އިރު، މި ވިޔަފާރި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ބޭރުން ކައުންސިލްގެ އިދާރާއަށް މުދާ ގަތުމަށް ކަމަށެވެ. ހަމައެއާއެކު އަތޮޅު ސްޓޯރުގެ ވިޔަފާރި ލޯކަލް އޮތޯރިޓީ ކުންފުންނެއްގެ ދަށަށް ބަދަލުނުކޮށް ވިޔަފާރި ހިންގަމުން ދިއުމުގެ އިތުރުން އަތޮޅު ސްޓޯރުން ވިއްކަން ގެނެސްފައި ހުރި މުދާތަކުގެ ސްޓޮކް ބާކީ އަދާ ހަމަ ކުރަމުން ގޮސްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

2023 ވަނަ އަހަރު އަތޮޅު ސްޓޯރުން ކޮށްފައިވާ މުއާމަލާތްތަކަށް 447،003 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައެވެ. ނަމަވެސް މި އަދަދު ގެ 95 ޕަސެންޓަށް ވާ 424.690 ފިޔާގެ މުއާމަލާތްތަކަކަކީ އަތޮޅު ސްޓޯރާއި ކައުންސިލްގެ އިދާރާއާ ދެމެދު ކޮށްފަިއވާ މުއާމަލާތްތަކެއް ކަމަށާއި އަދި ކައުންސިލް އިދާރާ ފިޔަވައި އެހން ފަރާތްތަކާއެކު ކޮށްފަިއވާ މުއާމަލާތްތަކުން އަތޮޅު ސްޓޯރަށް ފައިދާގެ ގޮތުގައި މުޅި އަހަރުތެރޭ ލިބިފައި ވަނީ އެންމެ 1813 ރުފިޔާއެވެ. އެހެންކަމުން ކއުންސިލުން ސަރުކާރުން ހިންގާ ފައިދާ ލިބޭ ގޮތަށް ހުންނަ ތަންތަނަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާ ގެ ގޮތުގައި ބަޖެޓްކޮށް ފައިސާ ދޫކުރުމުގެ މަގްސަދު ހާސިލްވެފައި ނުވާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން ސްޓޭޓް ހައުސްގެ ކޮޓަރިތައް ކުއްޔަށް ދޭ ގޮތުގެ ތަފްސީލް، އޮކިއުޕެންސީ ރިޕޯޓް އަދި ސްޓޭޓް ހައުސްގެ ކޮޓަރިތަކަށް ރިކުއެސްޓް ކުރާ ފޯމުތައް އޮޑިޓަރުންނަށް ލިބިފައި ނުވުމުން ކޮޓަރި ކުލީގެ ގޮތުގައި ލިބިފައިވާ 116،000 ރުފިޔާ އަކީ ސްޓޭޓް ހައުސްގެ ކޮޓަރިތައް ކުއްޔަށް ދީގެން ލިބެން ޖެހޭ ހުރިހާ ފައިސާއެއް ކަން ކަށަވަރު ވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.