މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފިއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ އޮގަސްޓް 24، 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް މި ސަރުކާރުން ވަނީ އޮކްޓޯބަރު 27، 2024 ގައި އާ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭނާ އެއްގޮތަށް ވަނީ އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ވެސް ނަގާފައެވެ. އެއާއެކު ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކޮށްފައިވާ ސަރަހައްދުން ގޯތި ލިބިފައިވާ ކަމަށެވެ. އަދި 24 އޮގަސްޓްގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައި ވުމާއެކު، 27 އޮކްޓޯބަރުގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިތަކެއް ހުރިކަމަށް މުއްތަލިބް ފާހަގަކުރެއްވިއެވެ. އެ ގޮތުން ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުން ކަމުގައި މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސް ވާނީ ގެޒެޓުކޮށްފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙަހަދަށް ވަނީ ބަދަލު ކޮށްފައި ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ. މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކޮށް ބިންތައް ދޭނެ ގޮތާމެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މި މަސް ތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހައުސިން މިނިސްޓްރީން އާންމުކުރި ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ހިމެނެއެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް އެ ޕްލޭންގައި ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެއެވެ.