ސަރުކާރުގެ 'ޑިޖިޓަލް ފަސްޓް ނޭޝަން' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އަދި އަންހެނުންވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ހިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިގްތިސާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މި ދުވަސް އިއްތިފާގުވަނީ، ރައްޔިތުންނަށް ފޯރޮކޮށްދޭ ހިދުމަތްތަކުގެ ނިޒާމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންގިލާބީ ތަރައްގީއެއް ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދިވެހިރާއްޖެ 2.0 އިފްތިތާހުކުރުމާއި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތަފާސް ހިސާބުތަކާ އަޅާބަލާއިރު، ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫންކަމެވެ. އަދި އެ ނިސްބަތް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަންހެން ދަރީންނަށް ތައުލީމު ހާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަކަމަށެވެ. "ނަމަވެސް އަޅުގަޑުމެން އެންމެން ވެސް ދަންނަ ހަގީގަތަކީ ވަކި ބާވަތްތަކުގެ ވަޒީފާ އަދި ހާއްސަކޮށް ލީޑާޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަނަމަވެސް، މިފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަންވާނެ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން ކަމަށެވެ. އޭގެ މާނައަކީ ތައުލީމު، ސިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުންކަން އިހްސާން ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމައުއަށް، އަދި މުޅި އިގްތިސާދަށްވެސް އޭގެ ފައިދާ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.