މުވާސަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖެ އިސްތިހާރުކޮށް ގައުމަށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުވާސަލާތީ ގޮތުން ދުނިޔެ ދެކޭ ހަލުއި ކުރިއެރުން ބޭނުން ކުރަންވީ ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް ކަމަށެވެ. އަދި ގައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެއާއެކު ރައީސް ވަނީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސް މީގެކުރިން ވަނީ 2040 ވަނަ އަހަރު އަންނަން ވާ އިރު ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ބަދަލު ކުރެއްވުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިވެހިރާއްޖެ 2.0 މިހާރު ތައާރަފްކޮށްފައިވާއިރު، މިއީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސް ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

ޑިޖިޓަލް ވަސީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރެވޭނެ ގޮތަކަށެވެ. އަދި ދިވެހިރާއްޖެ 2.0 އާ އެކު ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ވެސް މަދު ކުރެވޭނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.