އިންތިހާބުވި ޕާޓީއިން މަޖިލީހުގެ މެންބަރަކު ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމަކީ ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ފެށުމަށް ކުޑަތަން ވެފައިވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދާއި، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމެވުމަކީ ދުސްތޫރީ މައްސަލަ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިގެންދާނެ ގޮތައް ކޮށްފައިވާ ކަމެއް ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމް އިން ބުނީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމެވުމުގައި ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން އަމަލުކޮށްފައިވާ ގޮތާއި އިޖުރާއަތުތައް ތަރުތީބުކުރެއްވި ގޮތުގެ ސަބަބުންވެސް ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އދ ގެ ރިޒޮލިއުޝަންތަކުގައި ފަނޑިޔާރުންގެ މިނިވަންކަމަށް ގޮވާލާފައިވާކަމަަށާއި، އދ ގެ "ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑަޕެންޑެންސް އޮފް ދަ ޖުޑީޝަރީ (1985)" ގައި ޝަރުއީ ދާއިރާގެ މިނިވަންކަން ކޮންމެ ދައުލަތަކުންވެސް ކަށަވަރުކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށްވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ނުވަތަ ޣައިރުސުލޫކީ ޢަމަލެއްގެ ތުހުމަތު ކުރެވިއްޖެނަމަ، ތަބީޢީ އިންސާފުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް، އެމީހެއްގެ މައްޗަށް ތަޢައްޞުބުން އެއްކިބާވެފައިވާ، އިންސާފުވެރި ޝަރީޢަތެއް ހިންގައި، ޤާނޫނު ހުއްދަކުރާ އަދި ޤާނޫނީގޮތުން ބުރަދަންހުރި ހެކީގެ މައްޗަށް ބުރަވެ މެނުވީ ޙުކުމެއް ކުރުމަކަށް ނުވަތަ ނިންމުމެއް ނިންމުމަށް ޢަދުލު އިންޞާފުގެ އެއްވެސް ހަމައެއް ފުރުސަތު ނުދޭ
އެޗްއާރްސީއެމް

އެގޮތުން ކުރެވޭ ތުހުމަތު ތަކަކީ ކޮބައިކަން ސާފުކޮށް އެނގެން ޖެހޭނެ ކަމަށާއި، އެމީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީ ވުމުގެ ހައްގުގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގުވެސް ލިބެން ޖެހޭނެ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެއާއެކު އެޗްއާރްސީއެމް އިން ވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހުތިރާމްކުރުމަށާއި، ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި މަހާޒު ޢަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު، މަގާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގެ ކުރިން އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެފަނޑިޔާރުންނަށް ފަހިކޮށްދިނުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ގޮވާލާފައެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ދެން އޮންނާނީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ތަޅުމުން ގޮތް ނިންމުމެވެ. ގާނޫނުގައިވާ ގޮތުން ދެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.