ދިވެހިރާއްޖެ 2.0ގެ ފަހަތުގައި އޮތީ އީ-ވޯޓިން އެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަން ނައްތާލުމާއި ހިދުމަތްތައް އަވަސްކުރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ އެސްޓޯނިއާގައިވެސް އަދި ރޭ 2.0 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ-ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދޭންވާނެކަން ކަމަށެވެ. އަދި މިކަމުގެ މަގްސަދަކީ ކޮރަޕްޝަން ނައްތާލުމާއި ހަރަދު ކުޑަކުރުމުގެ އިތުރުން ހިދުމަތްތައް އަވަސްކުރުން ކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

މަހުލޫފް ވަނީ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ރޭ "މޯލްޑިވްސް 2.0" ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ކަމުގައި ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް މިކަމާ ގުޅިގެން އިހުސާން ވިދާޅުވީ މިއީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި އިފްތިތާހު ކުރެވުނު ޑިޖިޓަލް ނިޒާމެއް ކަމަށާއި އެއްވެސް ހާލެއްގައި އީ-ވޯޓިން ތައާރަފް ކުރުން ނޫން ކަމަށެވެ. އަދި ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަން ކަމުގައިވެސް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

ރައީސް ވަނީ 2040 ވަނަ އަހަރު އަންނަން ވާ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރެއްވުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ހުރި މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ވަބާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ތެރޭގައި ނިޒާމުގެ ތެރޭގައި ވެސް މި ވަބާ އެބައޮތް ކަމަށާއި މި ވަބާ އޮތީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް އެންމެ ފުރިހަމައަށް ދޭން ބަލާ އިރު މި ވަބާ މަދު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ދުނިޔެއަށް ބަލާއިރު، ޑިޖިޓަލައިޒް ވެފައިވާ ގައުމަކީ އެސްޓޯނިއާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ގައުމަކީ ކޮރަޕްޝަން ނައްތާލުމުގައި އިންޑެކްސްގައި އެންމެ ކުރީގައި އޮތް އެއް ގައުމުކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.