ލައްޑޫ އޭ ބުނުމުން އެންމެންގެ ހިތަށްވެސް ފުރަތަމަ އަންނާނީ އިންޑިއާއެވެ. ލައްޑޫ އަކީ އިންޑިއާގައި ޒަމާނުއްސުރެ ތައްޔާރު ކުރަމުންދާ ފޮނި ކާއެއްޗެކެވެ. އިންޑިއާގެ އެއްވެސް ޖާފަތެއް ލައްޑޫ ނެތި ނުދެއެވެ. ބުނެވޭ ގޮތުގައި ލައްޑޫ އަކީ އިންޑިއާގެ އާޔުރްވެދިކް ބޭސް ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި "އޮޅިގެން" ހެދުނު އެއްޗެކެވެ. ނަމަވެސް މިއަދު ލައްޑޫ އަކީ ގިނަ ބައެއްގެ ފޭވަރިޓެވެ.
ދިވެހިންނަކީ ވެސް ތަފާތު ގައުމުތަކުގެ ކާއެއްޗެހި ކައިއުޅޭ ބައެކެވެ. މިގޮތުން އިންޑިއާގެ ލައްޑޫއަކީ ދިވެހިންގެ ތެރޭގައި މިއަދު މަގުބޫލު އެއްޗެކެވެ. މިއީ ރޯދަ މަހު ވެސް ގޭގައި ފަސޭހަކަމާ އެކު ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.
ބޭނުންވާ ތަކެތި
- 1 ކެރަޓް
- 3 ބިސް
- 1/4 ގީ
- 2-3 ކާފޫރު ތޮޅި
- 1/2 ހަކުރު ( ޕައުޑާ ހަކުރުވެސް އެންމެ ރަނގަޅު)
- 1/4 ޖޯޑު ކޯސްޓު ކިރު
- ކާކުލަ (ރަތް ނުވަތަ ބޭނުން ކުލައެއް)
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ބްލެންޑަރަކަށް ކެރަޓް ކޮށުމަށްފަހު އަޅާލާށެވެ. ދެން ބިސް، ހަކުރު، ކޯސްޓު ކިރު އަދި ކާފޫރުތޮޅި އަޅާލުމަށްފަހު ބްލެންޑު ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކާލުލަ އެޅުމަށްފަހު ގިރާލާށެވެ.
އެއަށްފަހު ތަވައެއްގެ ތެރެއަށް ގީ އެޅުމަށްފަހު ހޫނުކޮށްލާށެވެ. ދެން ބްލެންޑުކުރި މިކްސް ތަވާއަށް އަޅާލުމަށްފަހު ރޯފިލަންދެން ކައްކާލާށެވެ. ކައްކާ ނިމޭއިރު ހުންނާނީ ފުއްގަނޑު މޮޑެވޭގޮތަށް ކެކިފައެވެ. ދެން ވައްކޮށް ގުޅަ ވަށާލުމުން އެހުރީ ލައްޑޫ ތައްޔާރު ކުރެވިފައެވެ.