ރިއަލް އެސްޓޭޓް އިންވެސްޓްމަންޓު ތަކާއެކު ހައްޖު ދަތުރުތަކުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެގޮތުން ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދާ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ހުރިހާ ހައްޖު ކޯޓާ ތަކެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ މި ގޮތަށް ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ގިނަ އަދަދެއްގެ ބަޔަކު ހައްޖު ކޯޕަރޭޝަންގައި ރެޖިސްޓްރީވެފައި ވުމުން އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ އެކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުންނެވެ.

އަދި ހަމައެހެންމެ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ އަށް ހައްލު ލިބި އެކަމުގެ ސަބަބުން އާންމުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ޝަހީބް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުޏަކަށް ދިން އިރު ބާކީ ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ކުންފުނިތަކުން ހައްޖަށް ގެންދިއުމަށް ނަގާ އަގު ބޮޑެވެ އާންމުން ދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އަދި އެކަމަށް ހައްލު ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދެއްވާފައެވެ.