މުވައްޒަފުން ގިނައިން ނަގާފައި ވަނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެ، މުވައްޒަފުން އިތުރުކުރީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ފެނަކަ ކޯޕަރޭޝަން ކުރާ ތުހުމަތުތައް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ދޮގުކުރައްވައިފިއެވެ.

އިންތިހާބީ ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު:

  • 2018 ނިމުނު އިރު ފެނަކައިގައި 2،756 މުވައްޒަފުން ތިބި
  • މި އަހަރުގެ ނިޔަލަށް 8،126 މުވައްޒަފުން އެ ކުންފުނީގައި އެބަތިބި
  • މި އަހަރުގެ މާޗު މަހަށް ފަހު މިހާތަނަށް 747 މުވައްޒަފުން އިތުރުކޮށްފައިވޭ

މިއަދު ފެނަކަ އިން އާންމުކުރި ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނަމަ، މިވަގުތު 5،909 މުވައްޒަފުން ދާއިމީ މަގާމުތަކުގައި އެބަ ތިއްބެވެ. އަދި ކޮންޓްރެކްޓް މަސައްކަތްކުރާ 2،199 މުވައްޒަފުން އެބަ ތިއްބެވެ. އެހެންކަމުން އެ ކުންފުނީގައި މި ވަގުތު 8،108 މުވައްޒަފުން އެބަތިބި ކަމަށް ދައްކައެވެ.

އެއީ އިންތިހާބީ ރައީސް އޮފީހުން ހާމަކުރި އަދަދަށް ވުރެ 18 މުވައްޒަފުން މަދު އަދަދެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، އެންމެ މަސައްކަތެއް ކުރުމަށްޓަކައި ފެނަކަ އަށް ބައިވަރު މުވައްޒަފުން ނަގާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ބިލު ފަދަ ތަކެތި ތައްޔާރުކުރުން ނަންގަވައި ފިރުޒުލް ވިދާޅުވީ އެ މަސައްކަތް ކުރަން ހަތް މުވައްޒަފުން އޭރު ތިބި ނަމަވެސް އެ މަސައްކަތްކުރަން 40 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން އެބަ ތިބި ކަމަށެވެ.

މީގެ އިތުރުން ކޮންމެ އިންތިހާބަކާ ދިމާކޮށް ފެނަކަ އަށް ބައިވަރު މުވައްޒަފުން ނެގުމަށް ގެޒެޓުގައި އިއުލާނުކުރެއެވެ. އެހެންކަމުން ސިޔާސީ ބޭނުމަށްޓަކައި އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ މުވައްޒަފުން އިތުރުކުރަމުންދާ ކަމަށް އަބަދު ވެސް ތުހުމަތުކުރެވެއެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތައް ދޮގުކުރައްވައި ސައީދު ވިދާޅުވީ، ފެނަކަ އިން ފަށާފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ނިމެމުން އައީ މިދިޔަ އަހަރު މެދުތެރެއިންނާއި މި އަހަރުގެ ކުރީކޮޅު ކަމަށާއި، އެހެންކަމުން މުވައްޒަފުން ނަގާފައި ވަނީ އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އެއްވެސް ހާލެއްގަ އެއީ ސިޔާސީ ބޭނުމަކަށްޓަކައި ނަގާފައި ތިބި މުވައްޒަފުންނެއް ނޫން،"
ސައީދު

"މިއަދު ރަށް ބޭރަށް އިންޖީނުގެ ބަދަލުކުރީމާ ޓެކްނިކަލް ކަމެއް ވީމާ ޑިއުޓީގަ އެތައް މުވައްޒަފުން ތިބެން އެބަ ޖެހޭ، ފެނާއި ނަރުދަމާ ބަލަހައްޓަން އެތައް މުވައްޒަފުންނެއް ތިބެން އެބަ ޖެހޭ، އައިސް ޕްލާންޓުގެ ޑިއުޓީ 24 ގަޑިއިރު ދެންޏާ ތިބެން އެބަ ޖެހޭ، މިހެން ގޮސް އެކަހަލަ ބައިވަރު ކަންކަމާ ހުރެ މުވައްޒަފުން އިތުރުވަނީ،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވިއެވެ.