ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ކުރިން އެ ލިސްޓު ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނުނު (ގާނޫނު ނަމްބަރ1993/4)ގެ ދަށުން ކަމަށެވެ. ނަމަވެސް ކުނި މެނޭޖްކުރުމުގެ ގާނޫނު ( ގާނޫނު ނަމްބަރު:24-2022) އަށް އަމަލުކުރަން ފެށުމާއެކު (ގާނޫނު ނަމްބަރު:4/1993)ގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާ ގުޅިގެން އަލުން އެ ލިސްޓު ކަނޑައެޅުއްވީ ކަމަށެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީހު ތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި އެ ގަރާރުގައި ބަޔާންކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ތަފާތު 3 ތާރީހަކުން ފެށިގެން ވަކި ބާވަތް ބާވަތުގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.
ޑިސެމްބަރު 19، 2022 ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
 - ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
 - ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
 - ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
 - ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
 - 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
 - ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
 - 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
 - ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
 - ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
 
ޑިސެމްބަރު 19، 2022 ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި މާޗު 1، 2023 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެންޑިސެމްބަރު 1، 2022 ފެށިގެން އުފެއްދުން މަނާ އަދި މާޗް 1، 2023 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
 - 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
 
ޑިސެމްބަރު 1، 2023 ފެށިގެން އުފެއްދުން މަނާ އަދި މާޗް 1، 2024 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
 
ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން މަނާކުރާ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނުވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

												
												
								
					
					
					
					
					
					
					
					
					
					
					
ކޮތަޅު މަނާ! ކޮތަޅު ހަދާ ރޯ މެޓިރިއަލް ޑިޔުޓީ ފްރީ! ހުޅުމާލޭގައި ފެކްޓަރީތައް! ކާކު ކޮތަޅުގެ މައިކޮރޮން ބަލަނީ! މީ ބަޔަކަށް ފައިދާގަޑެއް ދޭންވެގެން ހިންގާ ކަމެއް!