ޔަމަނުގެ ހިޖުރަވެރިންނަށް ހާއްސަ ކޮށްފައިވާ ކޭމްޕުގައި މި މަހު ކުރީކޮޅު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ސަބަބުން ކަމަށް، ޔަމަނުގައި ހަނގުރާމަ ކުރަމުން އަންނަ ހޫތީން އިއުތިރާފު ވެއްޖެއެވެ.
45 މީހެއްގެ ފުރާނަ ގެއްލިދިޔަ މި ހާދިސާއާ ގުޅިގެން އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާ ހަނގުރާމަވެރިންނަށް އަދަބު ދޭނެ ކަމަށްވެސް ހޫތީން ވަނީ ބުނެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިޖުރަވެރިންނާއި ރެފިއުޖީން ހިމެނޭއިރު، ގިނައީ އިތިއޮޕިއާ ދަރިކޮޅުގެ މީހުން ކަމަށް ހޫތީން ބުނެއެވެ.
މާޗް 7 ވަނަ ދުވަހުގެ ހާދިސާ ހިނގާފައި ވަނީ ފެސިލިޓީގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއަށް، އިޒުނަޔާ ނުލާ، ކަރުނަ ގޭސް ކެނިސްޓަރުތަކެއް އުކުމުގެ ތެރޭގައި ކަމަށްވެއެވެ. 3 ކެނިސްޓަރެއް އެއްލާފައި ވާ ކަމަށާ، އޭގެ ތެރެއިން އެއް ކެނިސްޓަރު ޖެހުނީ ފޯމް ގޮދަޑިއެއްގައި ކަމަށާ، އެހާ ހިސާބުން އަލިފާނުގެ ހާދިސާ ހިނގީ ކަމަށް ހޫތީން ބުނެއެވެ.
މީގެ އިތުރުން، ހޫތީން ވަނީ މިދިޔަ ހުކުރު ދުވަހު، ސައުދީގެ ވެރިރަށް ރިޔާދުގައި ތެޔޮ ސާފު ކުރާ ކާރުހާނާއަކަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާވެސް އުފުލާފައެވެ. ހޫތީން މި ޒިންމާ އުފުލާފައި ވާއިރު، ސައުދީ ކޯލިޝަނުން ވަނީ ހޫތީންގެ އަމާޒުތަކަށް ހަމަލާ ދޭން ފަށާފައި ކަމަށް ހަބަރު ލިބެއެވެ.
އދއިން ސިފަކުރާ ގޮތުގައި ޔަމަނުގެ އަދުގެ ހާލަތަކީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް، އެންމެ ނުރައްކާތެރި އިންސާނީ ކާރިސާއެވެ. އެތައް ބަޔަކު ބަނޑަށް ޖެހިފައި ވާއިރު، ބަލިމަޑުކަމާ، އިންތިހާ ފަގީރުކަން ވަނީ އޭގެ އެންމެ އިންތިހާއަށް ފެތުރިފައެވެ. މާޗް 2015 އިން ފެށިގެން ޔަމަނުގެ ހަނގުރާމަ ގަދަވެފައި ވާއިރު، ޔަމަނު ހަނގުރާމާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ، ގާތްގަނޑަކަށް، 130000 އަށް އަރާފައެވެ. މީގެ ތެރޭގައި އާންމުންގެ 12000 އެއްހާ މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.