ނައިޖީރިއާގައި ހިންގަމުންދިޔަ ބޯޑިންގް ސްކޫލެއްގައި ލާއިންސާނީ އަނިޔާ ލިބެމުންދިޔަ 300 އަށްވުރެ ގިނަ ފިރިހެން ދަރިވަރުން ސަލާމަތްކޮށްފިއެވެ.
މިކުދިން މިނިވަންކޮށް ސަލާމަތްކޮށްފައިވަނީ ނައިޖީރިއާގެ ފުލުހުން ކަމަށް މައުލޫމާތު ލިބެއެވެ.
ނައިޖީރިއާ ފުލުހުންގެ ތަރުޖަމާނެއް ކަމަށްވާ ޔަކޫބޫ ސަބޯ ވިދާޅުވީ، މި ކުދިންނަށް ލާއިންސާނީ އަނިޔާ ދީފައިވާއިރު ގިނަ ކުދިންނަށް ޖިންސާނީ ގޯނާވެސް ކޮށްފައިވާކަމަށެވެ.
ނައިޖީރިއާގެ ފުލުހުން މި ދަރިވަރުން ސަލާމަތްކޮށްފައިވަނީ ނައިޖީރިއާގެ ރިގާސާއޭ ކިއުނު ސަރަހައްދުގައި ހިންގި ހާއްސަ ރެއިޑެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ބޯޑިންގް ސްކޫލްގައި ހައްޔަރުކޮށްފައި ތިބި ދަރިވަރުން ބައިތިއްބާފައި ތިބީ ބަޔަކު ތިބޭނެ އެންމެ ލާއިންސާނީ ހާލުގައި ކަމަށާ، އެތަނުގައި އެ ދަރިވަރުން ގެންގުޅެމުންދިޔައީ އިސްލާހު ކުރުމުގެ ނަމުގައި ކަމަށެވެ.
ޒިންމާދަރު ބައެއްގެ ގޮތުގައި އެ ދަރިވަރުން ބޮޑުކުރުމުގެ ނަމުގައި ކުދިކުދި ކޮޓަރިތަކުގައި ގިނަ ކުދިންތަކެއް ގެންގުޅެމުންދިޔަ ކަމަށާ، އެކުދިން ތިބެނީ ހިލަހިލާ ޖަހާފައި ކަމަށެވެ. ސަލާމަތްކުރި ދަރިވަރުންގެ ތެރޭގައި އުމުރުން އެންމެ 9 އަހަރުގެ ކުދިންވެސް ހިމެނޭކަން ނައިޖީރިއާގެ ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ސަލާމަތްކުރި ކުދިންގެ ބުރަކަށީގައި ބޮޑެތި ލަކުނުތަކެއް ހުރިކަމަށާ އެކުދިންނަށް ސީރިއަސް އަނިޔާތަކަކާ ޒަހަމްތަކެއް ލިބިފައިވާކަން ނައިޖިރިއާގެ ފުލުހުން ފާހަގަކުރެއެވެ.
އާންމުންގެ ބަޔަކަށް ކަމެއް ޝައްކުވެގެން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހިންގި ރެއިޑްގައި ސްކޫލް އިމާރާތުގެ ތެރެއިން ފެނުނު ތަންތަނުގެ ތެރޭގައި ކުދިން އެލުވާފައި ބައިތިއްބައިގެން ލާއިންސާނީ އަނިޔާދޭ ޓޯޗާ ޗޭމްބަރެއްވެސް ފެނިފައިވާކަމަށް ނައިޖިރިއާގެ ފުލުހުން ބުނެއެވެ.
މިމައްސަލައާއި ގުޅިގެން، ސްކޫލް ހިންގަމުންދިޔަ އިސްފަރާތާ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.