އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތު ކުރެވޭ ބަޔަކާ ބެހޭ ގޮތުން ލިބުނު މައުލޫމާތަކާ ގުޅިގެން ސްރީލަންކާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް ޓީމުން މައުންޓް ލެވީނިއާ ސަރަހައްދު ބަލާ ފާސްކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކަށްފަހު ސްރީލަންކާގެ މަސްރަހު ހަމަހިމޭންވެފައި ވަނިކޮށް، އެމެރިކާއިން ވަނީ ޓެރަރިސްޓުންގެ އިތުރު ހަމަލާތަކެއް ސްރީލަންކާއަށް އަމާޒުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ސްރީލަންކާއަށް ހަމަލާ ދިނުމަށް ޓެރަރިސްޓުން އަދިވެސް ރާވަމުން އަންނަ ކަމަށް އެމެރިކާއިން ވަނީ އިންޒާރުކޮށްފައެވެ.
ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައި ވާއިރު، ސްރީލަންކާގެ ޖާސޫސީ އިދާރާ ފެއިލްވި ފެއިލްވުން ތަހުގީގު ކުރުމަށް ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ އަމުރުކުރައްވާފައެވެ.
ދޮގު ޚަބަރު ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އާދީއްތަ ދުވަހު ސޯޝަލް މީޑިއާގެ ހިދުމަތް މެދުކަނޑާލި ނަމަވެސް، މިހާރު އެ ހިދުމަތްތައް ވަނީ ދޭން ފަށާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް މަންޒަރުތަކަށް ބަލާއިރު، ނެގެމްބޯގެ ސެއިންޓް އެންތަނީ ޗާޗުގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާއާއި، ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓެލްގައި ބޮން ގޮއްވާލި މީހަކަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ. އާދީއްތަ ދުވަހުގެ ހަމަލާތަކަކީ ބަޔަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކަކަށްވާއިރު، މި ހަމަލާތައް ދިން މީހުންނަވަނީ އެމީހުންގެ ނަމާ، ވަނަވަރުވެސް އޮޅުވާލާފައެވެ.
ސްރީލަންކާގެ އާންމު ހާލަތަށް ބަލާއިރު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ވަނީ އަދިވެސް މެދުކަނޑާލާފައެވެ. މީގެ އިތުރުން ބައެއް ޔުނިވާސިޓީތަކުގެ ކިއެވުންވެސް ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ މެދުކަނޑާލާފައެވެ.
އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 300 އާއި ގާތްކުރާއިރު، ޒަހަމްވީ މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ބިދޭސީ 35 މީހަކުވެސް ހިމެނެއެވެ. މި ހަމަލާތަކުގައި ދިވެހި އެއްވެސް ރައްޔިތެއްގެ ފުރާނައަށް ނުރައްކާވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.