މިހިނގާ އޭޕްރިލް މަހުގެ ތެރޭގައި ޕާކިސްތާނަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދިނުމަށް އިންޑިއާއިން ރާވަމުންދާކަމުގެ "އިތުބާރުހުރި ޖާސޫސީ" މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
އިންޑިއާއާއި ދެކޮޅަށް ޕާކިސްތާނުން މިފަދަ ތުހުމަތުތަކެއް ފެންމަތިކޮށްފައިވާ، އިންޑިއާއިން ވަނީ މިއީ ހަނގުރާމައަކާ ހެދި ނަފުސާނީ ގޮތުން ނުތަނަސްވެ އޮވެ ޕާކިސްތާނުން ކުރަމުންދާ ޝައްކުތަކެއް ކަމަށް ބުނެ، ޕާކިސްތާނުގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އޮންނަ އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިދުވަސްވަރު އިންތިހާއަށް ނުތަނަވަސްވެފައިވަނީ، ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެންދިން ބޮމުގެ ހަމަލާގައި އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުން މަރުވިއިރު މި ހަމަލާގައި ބޮން ގޮއްވާލާފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހެއްކަމަށް ބުނަން ފެށި ހިސާބުންނެވެ.
ޕުލްވާމާގައި ހަމަލާ ދީފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖާއިޝީ މުޙައްމަދު ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމަށް ބުނާއިރު، އިންޑިއާއިންވަނީ ޕާކިސްތާނުގައި ހަނގުރާމަވެރިން ތަމްރީނު ކުރަމުންދާ ކޭމްޕުތަކަކަށް ވައިގެ މަގުން ހަމަލާދީފައެވެ. ހަމަ މިއާއެކު ޕާކިސްތާނުންވަނީ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ އަސްކަރީ ޖެޓެއް ވައްޓާލާ، އެ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކަށްފަހު އޭނާ ވަނީ އިންޑީއާއާއި ހަވާލުކޮށްފައެވެ.
ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވީ، އިންޑިއާއިން އަސްކަރީ ހަމަލާއެއް ރާވަމުން އަންނަ ކަމުގެ ޖާސޫސީ ހެކި ލިބިވަޑައިގެންފައިވާކަމަށެވެ. ލިބިފައިވާ ޖާސޫސީ މައުލޫމާތަށް ބަލާއިރު އިންޑިއާގެ ހަމަލާ ޕާކިސްތާނަށް އަމާޒުވާނީ އޭޕްރިލް 16 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދެމެދުގައި ކަމަށްވެސް ޤުރައިޝީ ވަނީ ވިދާޅުވެފައެވެ.
ޖަވާބުގައި އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނެއް ކަމަށްވާ ރަވީޝް ކުމާރު ވިދާޅުވީ، މިއީ ސަރަހައްދީ ފެންވަރުގައި ހަނގުރާމައިގެ ބިރުވެރިކަމާ ނުތަނަވަސްކަން އުފެއްދުމަށް ޕާކިސްތާނުން ދައްކާ ވާހަކަތަކެއް ކަމަށެވެ. މިއީ އިންޑިއާއަށް ހަމަލާ ދިނުމަށް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ދެވުނު ހިތްވަރެއް ކަމަށްވެސް އިންޑިއާއިން ވަނީ ސިފަކޮށްފައެވެ.
ޕާކިސްތާނަކީ ޓެރަރިސްޓުންނާ ހައްދުފަހަނައާޅާފައިވާ ހަނގުރާމަވެރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއްކަމަށް އިންޑިއާއިން ތުހުމަތު ކުރަމުންދާއިރު، އިންޑިއާގައި ހިނގާދިޔަ ލޭ އޮހުރުވުންތަކުގައި ޕާކިސްތާނުގެ އަތެއް ނުވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ވިދާޅުވެފައެވެ.