ލީބިއާގެ ވެރިރަށް ތުރާބުލުސް ކައިރީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި 21 މީހުން މަރުވެ، 27 މީހަކު ޒަހަމްވެފައިވާކަމަށް، އދގެ އެއްބާރުލުން ލިބިފައިވާ މައި ސަރުކާރުން ހާމަކޮށްފިއެވެ.
ލީބިއާގައި ހަމަނުޖެހުންގަނޑު ގަދަވެފައިވާއިރު، އދއިންވަނީ، ހާލުގައި ޖެހި އަނިޔާވެފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާއާ ހިސާބަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، 2 ގަޑިއިރެއްހާއިރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ތުރުބާލުސް ހިފުމުގެ ނިޔަތުގައި، ޖެނެރަލް ޚަލީފާ ހަފްތާރުގެ ކޮމާންޑުގެ ދަށުން، ހަގުރާމަވެރިން ދަނީ ލީބިއާގެ އިރުމައްޗާ ވީ ފަޅިން ވެރިރަށާ ގާތަށް ޖެހެމުންނެވެ.
ލީބިއާގެ ބޮޑުވަޒީރު ފާއިޒު އަލް-ސިރާޖު ވިދާޅުވީ، ޖެނެރަލް ހަފްތާރު މަސައްކަތްކުރަނީ ލީބިއާގައި ބަޣާވާތް ކުރުމަށް ކަމަށާ، ލިބިއާގެ ކަމާ ބެހޭ ފަރާތްތަކުން ހަނގުރާމަވެރިންނާ ކުރިމަތިލާނީ ފުރިހަމަ ބާރާ އެކުގައި ކަމަށެވެ.
ލީބިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ރެޑް ކްރޮސްގެ ޑޮކްޓަރެއްވެސް ހިމެނެއެވެ.
ލީބިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރަކަށް ހުރި ޖެނެރަލް ހަފްތާރު ބުނާ ގޮތުގައި އެ މީހުންގެ 14 ހަނގުރާމަވެރިއަކު ވަނީ ހަމަނުޖެހުންތަކުގައި މަރުވެފައެވެ.
ލީބިއާގެ ސަލާމަތީ މަސްރަހު ނުތަނަވަސްވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެމުންދާއިރު، ބައިނަލްއަގުވާމީ ބާރުތަކުން ދަނީ ލީބިއާގައި ތިއްބެވި އެގައުމުތަކުގެ އޮފިޝަލުން ލީބިއާއިން ބާލަމުންނެވެ.