ތުރުކީވިލާތުގެ ރިޔާސަތުގައި ހުންނެވި ރަޖަބު ތޮއްޔިބު އުރުދުޣާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ބޮޑު އިމްތިހާނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ލޯކަލް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
ޖީ.އެމް.ޓީ ގަޑިން 05:00 ވޯޓުލުން ފަށާފައި މިވަނީ، ތުރުކީވިލާތުގެ އިގުތިސޯދާ ސަލާމަތްތެރިކަމާ މެދު ހޫނުގަދަ ބަހުސްތަކެއް ކުރެވިގެން ދިޔަ ކެމްޕޭންތަކަކަށް ފަހުގައެވެ.
ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި އެންމެ ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައި ވަނީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވަލޮޕްމަންޓް (އޭކޭ) ޕާޓީއަށެވެ. ތުރުކީވިލާތަށް މިދިޔަ އަހަރު ކުރިމަތިވި މާލީ މައްސަލަތަކާއެކު ފެންމަތިވި ވަޒީފާ ނުލިބުމުގެ މައްސަލައާއި ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމުގެ މައްސަލަތަކާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް އުރުދުޣާންގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މިއީ 2002 ވަނަ އަހަރު ތުރުކީވިލާތުގެ ވެރިކަމާ އޭކޭ ޕާޓީއިން ހަވާލުވި ފަހުން އެ ޕާޓީއަށް ކުރިމަތިލާންޖެހިފައިވާ އެންމެ ނުތަނަވަސް އިންތިހާބު ކަމަށްވެސް މުރާސިލުން ވަނީ ސިފަކޮށްފައެވެ.
ތުރުކީވިލާތުގެ ލޯކަލް އިންތިހާބުގެ ވޯޓުލުން، ޖީ.އެމް.ޓީ ގަޑިން 15:00 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.