އާންމު އިންތިހާބާ ދިމާލަށް އިންޑިއާ ކުރަމުންދާ ދަތުރު މިހާރު އޮތީ މެކުހަށް ޖަހާފައެވެ. އޭޕްރިލް 11 ވަނަ ދުވަހު ވޯޓުލުން ފަށަން ވާއިރަށް ކެމްޕޭންތަކުގެ ފޯރި އިންތިހާއަށް ގަދަކޮށްފައިވާއިރު، އެންމެ ފަހު ވޯޓުލާނީ އޭގެ މަސްދުވަސް ފަހުން، މޭ 19 ވަނަ ދުވަހުއެވެ. އިންޑިއާގެ އާންމު އިންތިހާބަނީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތަށްވާއިރު، އެއްގޮތަށް ވުރެ ގިނަ ގޮތުން މި އިންތިހާބަށް ސަމާލުކަން ހުއްޓޭނެ މަގުތައް އެބަހުއްޓެވެ.
މިވަނީ ކިހިނެއް؟
އޭޕްރިލް މަހުގެ 5 ވަނަ ދުވަހަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދިރިއުޅުއްވުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ޕީ.އެމް ނަރޭންދްރާ މޯދީ" ރިލީޒް ކުރުމަށް ތާވަލުކޮށްފައިވާ ދުވަހެވެ. އޭރު އިންތިހާބޯ އޮންނާނީ ހަމަރަނގަޅަށްވެސް ދޮރުގައި ޓަކިދީދީއެވެ.
މިކަންވީ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. ކޮންގްރެސް އިންވަނީ، މި ތާރީހުގައި ފިލްމު ރިލީޒްކުރުމަކީ އިންތިހާބުގެ ގަވައިދުތަކާ ފުށޫއަރާ ކަމެއްކަމަށް ބުނެ، ފިލްމް ރިލީޒް ކުރާ ތާރީހު ފަސްކުރުމަށް އަމުރެއް ނެރެދިނުމަށް އެދި އިންޑިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.
މިކަމަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ފިލްމުގެ ޕްރޮޑިއުސަރުންނަށް ގޮވާލާފައެވެ. ޖަވާބުގައި ޕްރޮޑިއުސަރުން ބުނީ، އެމީހުންނަކީ ބީޖޭޕީއާއި ގުޅުން އޮންނަ ބައެއް ނޫންކަމަށާ، ފިލްމު އުފައްދާފައިވަނީ އެމީހުންގެ އަމިއްލަ ޖީބުން ކުރި ޚަރަދުން ކަމަށެވެ.
"ކްލަޔަންޓުގެ ފިލްމާ ސިޔާސީ ޕާޓީއަކާ ގުޅުވައިގެން އާންމު އިވެންޓްތަކާ ފޭސްބުކް ޕޯސްޓްތަކާ ޓްވީޓްތައް މެދުވެރިކޮށް ފަތުރަމުން އެދަނީ ހަމައެކަނި ދޮގު ޚަބަރެއް ނޫން. އެއީ ހަގީގަތް ނުވަތަ ގާނޫނަށް ބެލި ކަމުގައި ވީ ނަމަވެސް، އެއްވެސް އަސާސެއް ހުރި ވާހަކަތަކެއް ނޫން". ފިލްމުގެ ޕްރޮޑިއުސަރުންގެ ވަކީލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލްމުގެ މައްސަލަ މާ ބޮޑުވެގެން މިއުޅެނީ ކީއްވެ؟
އިންތިހާބު ގާތްވަމުން އަންވަރަކަށް ކެނޑިޑޭޓުން ޕްރޮމޯޓްކުރާ ވީޑިއޯތައް އާންމުވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް އިންޑިއާގައި މިފަހަރު ކުރިއަށް ގެންދާ އާންމު އިންތިހާބާ ދިމާކޮށް މިދަރަޖައަށް ފިލްމުތައް އުފައްދާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ތެރެއިންވެސް، ވިވޭކް އޮބެރޯއީ މޯދީގެ ރޯލުން ފެނިގެންދާ ފިލްމް "ޕީ.އެމް ނަރޭންދްރާ މޯދީ"ގެ މައްސަލަ ވަކިން ބޮޑުވެއްޖެވެ.
ފިލްމް "ޕީ.އެމް ނަރޭންދްރާ މޯދީ"ގެ ޓްރޭލާއަށް ބަލާއިރު ފެނިގެންދަނީ އިންޑިއާގެ ލީޑަރުގެ ގޮތުގައި މޯދީ ސިފަކޮށްދީފައިވާ މަންޒަރެވެ. ފާޑުކިއާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ފިލްމަކީ ރޫހާނީ ލީޑަރެއްގެ ދަރަޖައަށް މޯދީ ޕްރޮމޯޓްކުރާ ފިލްމެކެވެ. އަދި މި ފިލްމު މިވަރަށް ޕްރޮމޯޓް ކުރުމުގައި ބީޖޭޕީގެ ލީޑަރު އަމީތު ޝާހުގެ އިސް ދައުރެއް ވާ ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.
އިންޑިއާގެ އިންތިހާބީ ކޮމިޝަނުން މި ފިލްމު ދެއްކުން މަނާކޮށްފިނަމަ ކޮންގްރެސް ޕާޓީގެ ހިތްހަމަޖެހުނީއެވެ. ނަމަވެސް މިފަދަ ނިންމުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމުގައި ޕްރޮޑިއުސަރުން ދަނީ ބުނަމުންނެވެ.
ފިލްމުގެ ވާހަކަ މިފަދަ ގޮތަކަށް އޮތްއިރު، މޯޑީގެ ކެމްޕޭނު ބުރާސްފަތި ދުވަހު ފެށުމާ ދިމާކޮށް މޯދީ ޕްރޮމޯޓް ކުރުމަށް ތަފާތު އެކި ކަހަލަ އައިޓަމްތައްވެސް ވަނީ ބާޒާރަށް ނެރެފައެވެ. އެގޮތުން ފާރުގައި ބަހައްޓާ ގަޑިއާ، މޫނުގައި އަޅާ މާސްކުގެ އިތުރުން، ޓީޝާޓާ ސްކާފްވެސް ވަނީ ގިނަ އަދަދަކަށް ތައާރާފުކޮށްފައެވެ. ފިލްމު ރިލީޒްކުރުން މަނާކުރާނަމަ މިފަދަ އައިޓަމްތަކަށްވެސް ގޮތެއް ހަދަން ޖެހޭ ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.
މީގެ އިތުރުން ޖައްވުތެރޭގައި ދަތުރުކުރަމުންދިޔަ އިންޑިއާގެ ސެޓެލައިޓަކަށް ހަމަލާދީ އެ ސެޓެލައިޓް ވައްޓާލި ކާމިޔާބު "މިޝަން ޝަކްތީ"އަކީވެސް އިންތިހާބުގައި ވޯޓު ހޯއްދެވުމަށް މޯދީގެ ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ އިންލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އިލެކްޝަނަސް ކޮމިޝަނުން ދަނީ "މީޝަން ޝަކްތީ"އާއި ގުޅިގެން މޯދީ ދެއްވި ތަގުރީރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.