ގެސްޓް ހައުސް ވިޔަފާރީގައި ބިނާކުރަނިވި ވާދަ ކުރުމެއް ރަށްރަށުގެ ދެމެދުގައި އުފެއްދުމަށްޓަކާ ޓޫރިސްޓުންނަށް ރަށްތައް ރިވިއުކޮށް ކޮމެންޓްދެވޭ ސިސްޓަމެއް ޤާއިމްކުރަން ހަމަޖެހިފައި ވާކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅު ވެއްޖެއެވެ.

'އައިލެންޑްސް އެމްވީ' ލޯންޗް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިރޭ އިފްތިތާހު ކުރެވުނު ޕޯޓަލްއަކީ ދިވެހި މުޖުތަމައަށް ސަރުކާރުން ކޮށްދިން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެއްކަން ވެސް މިރޭ މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ޕޯޓަލް އިން ރަށުގެ ހާއްސަ ސިފަތަކާ ގެސްޓް ހައުސްތަކުގެ މައުލޫމާތާ، ސަޤާފަތާ، ރަށުގެ ރަހަތަކާ، ލިބެން ހުރި ވަސީލަތްތައް އެނގިގެން ދާނެ ކަން ފާހަގަ ކުރައްވާ މަލީހު ވިދާޅުވީ މި ޕޯޓަލް ވެގެންދާނީ ހަމައެކަނި ޓޫރިސްޓުންނަށް އަމާޒުކުރެވޭ ވެބްސައިޓަކަށް ނޫންކަމަށާ މި ޕޯޓަލް ގައި ހިމެނޭ އަދި ހިމަނާ ކޮންމެ މައުލޫމާތަކީ އެރަށެއްގެ ތާރީޚް ކަމަށެވެ. އަދި މި ޕޯޓަލްގައި ރައްކާކުރެވޭ ކޮންމެ މައުލޫމާތަކީ، ކުޅިވަރުތަކާއި، ސަޤާފަތާއި، އެ ރަށެއްގެ ތާރީޚާއި، ރަށައް ލިބިފައިވާ އުމްރާނީ ތަރައްޤީއާއި ރަށުގެ ގުދްރަތީ ވެށީގެ ހަދާންތައް ލިޔެވި އަދި މަންޒަރުތަކެއްގެ ގޮތުގަ އެތަކެށް ޖީލުތަކަށް ފޯރުކޮށްދެވޭނެ ވަސީލަތެއް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، މި ޕޯޓަލްއަށް މައުލޫމާތު އެޅުމަށް ކައުންސިލްގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނު ދިނުމުގެ އިންތިޒާމު މިނިސްޓްރީން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް މި ޕޯޓަލަށް މައުލޫމާތު އެޅުމަށް ޚާއްސަ އިސްކަމެއް ދިނުމަކީ ސަރުކާރުގެ އެދުމެއް ކަމަށް ވެސް މަލީހުގެ ވާހަކައިގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓްރީން ކުރިއަށް އޮތްތާ ކުރުމަށް ރާވާފައި ވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުގެ ޚިދުމަތަށް ޒަމާނީކޮށް އީގަވަންމަންޓް ނިޒާމެއް ގާއިމު ކުރުމާއި، ކިޔުގައި ނުޖެހި އޮންލައިންކޮށް ސަރުކާރުގެ ހުރިހާ ޚިދުމަތެއް ލިބޭގޮތް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.