ރޫޅާލާނެ ކަމަށް ވައުދުވެފައިވާ ރޮކެޓް ލޯންޗް ސައިޓް އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް އުތުރު ކޮރެޔާއިން ކުރިއަށް ގެންދާކަމަށް ސެޓެލައިޓް ފޮޓޯތަކަކުން ހާމަވެއްޖެއެވެ.

މި ފޮޓޯތައް ނަގާފައިވަނީ، އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން މުޅިން ނައްތާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާ ދެމެދު ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށް ގެންދެވި ނާކާމިޔާބު މަޝްވަރާތައް ނިންމަވާލެއްވިތާ ދެ ދުވަހެއް ފަހުންނެވެ.

އުތުރު ކޮރެޔާއިން އާރާސްތުކުރުމުގެ މަސައްކަތް ފަށާފައިވާ ސައިޓަކީ ސެޓެލައިޓް ލޯންޗުކުރުމުގެ އިތުރުން އިންޖިން ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ސައިޓެއް ކަމަށާ، މި ސައިޓަކީ ބެލިސްޓިކް މިސައިލްތައް ލޯންޗުކުރަން ބޭނުންކުރާ ސައިޓެއް ނޫންކަމަށް ޚަބަރު ލިބެއެވެ.

މި ސައިޓް ރޫޅާލުމުގެ މަސައްކަތް މިދިޔަ އަހަރު ފެށި ނަމަވެސް، އެމެރިކާއާއިއެކު ކުރިއަށްގެންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އޮތުމުގެ ސަބަބުން ސައިޓް ރޫޅާލުމުގެ މަސައްކަތްތައްވެސް އޮތީ ހުއްޓާލާފައެވެ.

ކަންމިހެންއޮތްއިރު، އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެ ގައުމާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު، އެމެރިކާއިން ވަނީ ދީފައެވެ.