އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ދެކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފަށާފައިވާ ތަހުގީގު އިތުރަށް ފުޅާ ކުރުމަށް ނިންމައިފިއެވެ.
ޓްރަމްޕްއާ ދެކޮޅަށް މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ޕެނަލްގެ ޗެއާމަން ޖެރަލްޑް ނެޑްލާ ވިދާޅުވީ އެމެރިކާގެ އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވާ، ރައީސެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ބާރުގެ ނާޖާއިޒު ފައިދާ ޓްރަމްޕް ނަންގަވާކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް 60 އަށް ވުރެ ގިނަ މީހުންނާއި އިދާރާތަކުގެ ބަޔާން ނަގާނެ ކަމަށެވެ.
މި މައުލޫމާތު އެއްކުރާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖުޑީޝަރީ ކޮމިޓީއިން ކަމަށް މައުލޫމާތު ލިބެއެވެ. ބަޔާން ނެގުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އިދާރާތަކުގެ ތެރޭގައި އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާ، ޓްރަމްޕްގެ ދަރިކަލުން ޑޮނާލްޑް ޓްރަމްޕް ޖޫނިއާ އަދި ޓްރަމްޕް އޯގަނައިޒޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސާ އެލެން ވީޒަލްބާގް ފާހަގަކޮށްލެވެއެވެ.
ޓްރަމްޕްއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ވެސް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގައި އެކުލަވާލާފައިވާ ކޮމިޓީއަކީ ޓްރަމްޕް އަޒުލުކުރުމަށް ބޭނުންވާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ޒިންމާ އުފުލާ ކޮމިޓީ ކަމަށް ވެސް ނެޑްލާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަން ކުރިއަށް ދާނެކަމަށް ދަންނަވަން އަދި ތަންކޮޅެއް އަވަސްކަމަށް ވެސް ނެޑްލާ ވަނީ ވިދާޅުވެފައެވެ.
ރައީސް އަޒުލުކުރުމުގެ ކުރިން، އެއީ އެކަން ހައްގު ފަރާތެއްކަން އާންމުންނަށް ކަށަވަރުވާވަރަށް ހެކި ސާބިތުކޮށްދެވެންޖެހޭނެކަމަށް ނެޑްލާ ވިދާޅުވިއެވެ.
2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރަޝީޔާގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ޓްރަމްޕްއާ ދެކޮޅަށް ތުހުމަތުތަކެއް ފެންމަތިވެ، ގާނޫނު ހަދާ މަޖިލީހުން މައްސަލަ ބަލާއިރު، ޓްރަމްޕް ގެންދަވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އަދި ޓްރަމްޕްއާ ދެކޮޅަށް ތުހުމަތުތަކެއް ފެންމަތިކޮށް، މައްސަލަތައް ބަލަމުން ދަނީ ޣައިރު ގާނޫނީ އުސޫލަކުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.