އިންޑިއާ ވައިގެ އަސްކަރިއްޔާގެ ވިންގް ކޮމާންޑަރު އަބީނަންދަން ވަރުތަމަން، ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވުނުތާ 48 ގަޑިއިރުވެސް ނުވަނީސް އިންޑިއާއާއި ހަވާލުކުރުމާއިއެކު ޕާކިސްތާނުގެ ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ކަޝްމީރުގެ ޕާކިސްތާނާއި ވީ ފަޅިން ދަތުރުކުރަމުންދިޔަ އަސްކަރީ މަތިންދާބޯޓު ވައްޓާލުމަށްފަހު ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކަށް އެ ހިސާބަށް ނުދެވެނީސް ޕާކިސްތާނުގެ އާންމުންގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވި ޕައިލެޓް އަބީނަންދަން ދޫކޮށްލުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނިންމެވީ ހެޔި ނިޔަތުގައި ސުލްހައަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވިދާޅުވުމަށްފަހުގައެވެ.

ކަންމިހެން އޮތް ނަމަވެސް، ޕާކިސްތާނު ސަރުކާރުގެ ބައެއް ރޭންކުތަކުގައި ފިކުރު ތަފާތު ކަމަށާއި، ވިންގް ކޮމާންޑާ އަބީނަންދަން ފަދަ ވަރުގަދަ "އެސެޓެއް" ދޫކޮށްލުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް އެ ފަރާތްތަކުން ދެކޭ ކަމަށް މައުލޫމާތު ލިބެއެވެ.

ވިންގް ކޮމާންޑާ އަބީނަންދަން މިނިވަން ކުރީ އެއްވެސް ފަރާތެއް ފިއްތުންތަކާއި ނުލާ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަޙުމޫދު ގުރައިޝީ ވިދާޅުވި ނަމަވެސް، ޕާކިސްތާނުން އެ ފިޔަވަޅު އެޅީ އެމެރިކާއާއި ސައުދީ އަރަބިއްޔާގެ ފަދަ ގައުމުތަކުގެ ނުފޫޒާއިއެކުގައި ކަމަށް، ޑިޕްލޮމެޓިކް މަސްދަރުތަކަކުން ވަނީ ތުހުމަތުކޮށްފައެވެ.

ވިންގް ކޮމާންޑާ އަބީނަންދަން މިނިވަން ކުރުމަކުން ޕާކިސްތާނާއި އިންޑިއާއާއި ނުތަނަވަސް މަސްރަހަށް ހަމަޖެހުމެއް އަދި ލިބިފައެއް ނުވެއެވެ.