ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްގެ އިސްތިއުފާއަށް ގޮވާލާ، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ޣައްޒާގައި މުޒާހަރާކޮށްފިއެވެ.

އައްބާސްއާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން މުޒާހަރާއަށް ނިކުމެފައި ވަނީ، މިހާރު ވެސް ދަތި ހާލެއްގައި އޮތް ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް މާލީ ފިއްތުންތައް ކުރިމަތިކުރުމަށް އައްބާސް މަސައްކަތްޕުޅު ކުރައްވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގެ އަލް-ސާރްޔާ މައިޒާނަށް އެއްވެ، ހަމާސްގެ ސަޕޯޓަރުން ވަނީ މަގާމު ދޫކޮށްލެއްވުމަށް އައްބާސްއަށް ގޮވާލާފައެވެ. އަދި ޣައްޒާގެ ޕަބްލިކް ސެކްޓާގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ފުރިހަމަ މުސާރަ ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑްކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އިސްރާއީލާއި ދެކޮޅަށް ވެސް އަޑުއުފުލާފައެވެ.

2008 ވަނަ އަހަރުގެ ފަހުން ހަމާސްއާއިއެކު ތިން ހަނގުރާމައެއް ކޮށްފައިވާ އިސްރާއީލުން ބުނާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޖުބޫރު ވަނީ ހަތިޔާރާއި ހަތިޔާރު އުފައްދަން ބޭނުންކުރާ ސާމާނު ހަމާސްއިން ޣައްޒާއަށް އެތެރެ ކުރަމުންދާތީ ކަމަށެވެ.

އިސްރާއީލާއި މިސްރުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އައްބާސްގެ ސަރުކާރުން ވެސް ދަނީ ހަމާސްއަށް ނިސްބަތްވާ މުވައްޒަފުންނަށް ތަފާތު ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.

ކަންމިހެން އޮތްއިރު، އައްބާސްގެ ރިޔާސީ ދައުރު 2009 ވަނަ އަހަރު ހަމަވެފައި ވާކަމަށާއި، މިހާރު އެ މަގާމުގައި ދެމި އެ ހުންނެވީ އިންތިހާބަކާއި ނުލާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.