ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއާ ސަޕޯޓް" ގެ ނަމުގައި ހާއްސަ ޕޯސްޓެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ހުޅުވައިފިއެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީން ބުނީ މި ޕޯސްޓު ހުޅުވީ ގައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދެމުންދާ ސިއްހީ ފަރުވާ ތަރައްގީކޮށް، އިދާރީ މަސައްކަތްތައް ފަސޭހަކުރުމަށްކަމަށެވެ.

މި ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމަންޓާއި ކަރެކްޝަންސްގެ ސީނިއާ މެނޭޖްމަންޓުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި، މި ޕޯސްޓު ހުޅުވުމަށްފަހު ދެ މުއައްސަސާގެ ދެމެދުގައި މަސައްކަތްތަކާ ބެހޭގޮތުން ހާއްސަ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި، ގައިދީންނަށް ފަރުވާ ދިނުމުގައި ދިމާވާ އިދާރީ ލަސްތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

https://www.facebook.com/story.php?story_fbid=1447042574275662&id=100069097994426&rdid=UVjlQ0iH3Gh4tLwI#

ކަރެކްޝަންސްއިން ބުނި ގޮތުގައި، އަލަށް ހުޅުވި ހެލްތްކެއާ ސަޕޯޓް ޕޯސްޓުގެ ސަބަބުން ހޮސްޕިޓަލުގެ ތެރެއިން ކުރަންޖެހޭ އިދާރީ ކަންކަން އަވަސްވެ، ގައިދީންނަށް ފަރުވާ ދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.

މީގެ އިތުރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖަލުތަކަށް އިތުރު 370 އެނދު އިތުރުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

އަދި ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އުތުރުތިލަފަޅުގައި މުޅިން އާ ޖަލެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ބަދަލުތަކާއެކު، ގައިދީންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.