މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހާއްސަ ސާޗް އޮޕަރޭޝަނެއް ފަށައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ހާމަކުރި ގޮތުގައި، ފުލުހުންނާ ގުޅިގެން އައްސޭރި ޖަލުގައި މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް، މި ސާޗް އޮޕަރޭޝަން ހިންގަނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ފާސްކުރެވުނު ތަކެތީގެ އެއްވެސް ތަފްސީލެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން ދޭތެރެ ދޭތެރެއިން ޖަލުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.

ޖަލުގައި ތިބޭ ގައިދީން މޮބައިލް ފޯނު ބޭނުންކޮށްގެން އާންމުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ސްކޭމް ކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިކަން ހުއްޓުވުމަށްޓަކައި ދާދިފަހުން ޖަލުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން މިހާރު މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ބަހައްޓައި، ޖަލަށް އެތެރެވާ މީހުން ގެންދާ ހުރިހާ ތަކެތި އެ މެޝިން މެދުވެރިކޮށް ފާސްކުރަން ވަނީ ފަށާފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، އޭޕްރީލް މަހުން ފެށިގެން އެ މެޝިން ދަނީ ބޭނުންކުރަމުންނެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައެއް ޖަލު އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ބޮޑެތި ނެޓްވޯކްތަކެއް އަތުލައިގަނެ، ބައެއް އޮފިސަރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ޖަލުތަކަކީ ކުށްވެރިން އިސްލާހުކުރާ ތަންތަނަށް ހެދުމަށާއި، ޖަލުން ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މީގެ ކުރިން ވެސް މިފަދަ ކުއްލި އޮޕަރޭޝަންތައް ހިންގާފައިވެއެވެ.