ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާ ނިޔާވެއްޖެވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު ހިނގާދިޔަ މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓު ހިނގީ ސޯސަން މަގުގައި ހުންނަ ސިޓީ ބޭކަރީ ކުރިމަތީގައެވެ. ނުރައްކާތެރިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާދިޔަ މި ހާދިސާގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން، ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދެސައިކަލު ޖެހުނު ވަގުތު ދިޔައީ ވިއްސައިގެން ކަމަށާއި ވިއްސައިގެބް ގޮސް ބިންމަތީގައި ބޯޖެހި ބޮޑު އަނިޔާތަކެއް ވަނީ ލިބިފައެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.
