ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހުގެ ތެރޭގައި އެ އޮފީހުން ވަނީ 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައެވެ.
މި ތަފާސްހިސާބުތަކަކީ ޕީޖީ އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް އާންމުކޮށް އެންގުމުގެ ގޮތުން އެ އޮފީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކެކެވެ. މިގޮތުން، މައްސަލަތައް ބަލައިގަތުމުގެ އިތުރުން ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ތަފާސްހިސާބުތަކުގައި ހިމަނާފައިވެއެވެ.
އެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ފުލުހުންނަށް މަޝްވަރާ ދިނުމަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގެ ގޮތުގައި 729 މައްސަލައެއް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން، އޮގަސްޓު މަހު އެކަނިވެސް ކޯޓުތަކަށް 330 ދައުވާއެއް ހުށަހަޅާފައިވާއިރު ޕީޖީ އޮފީހުގެ ވަކީލުން ވަނީ 1،205 އަޑުއެހުމަކަށް ހާޒިރުވެފައެވެ.
ޕީޖީ އޮފީހުން އަންނަނީ "ޕީޖީ އޮފީސް 2.0" ގެ ނަމުގައި މަސައްކަތްތައް އަވަސްކުރުމަށް ޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި މައްސަލަތައް ދިރާސާކުރުމާއި، ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަވަސްކުރުން ހިމެނެއެވެ.
