ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅަކީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަށް ދައުވަތު އަރުވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އައު ދާއިރާތަކުން ގުޅުން ފުޅާކުރުމެވެ. އެގޮތުން، ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ރަސްމީ ވާހަކަފުޅުތަކުގައި، ދޭދޭ ގުޅުމާއި، ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ތަފާތު ދާއިރާތަކުން ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މުހިންމު ބައެއް ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށްދާނެއެވެ.
ރައީސް އޮފީހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް ވަކިވަކިން އިހްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލުކުރުމަށާއި، ޗުއްޓީ ހޭދަކުރުމަށް އަދި ވިޔަފާރީގެ ބޭނުންތަކުގައި އަބަދުވެސް ދަތުރުކުރަމުން އަންނަ، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.
