ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި، އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފުލުހުންގެ އިދާރާއަށް އަންގައިފިއެވެ.

ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް، ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މި ސިޓީ ފޮނުއްވާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު އިއްޔެ ފުލުހުން ޔާމީންގެ ގެކޮޅަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، ޑިސެމްބަރު 12، 2024 ގައި އެ އިމާރާތުގައި ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ފުލުހުންނަށް އެނގޭނެ" ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަފުޅާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެކަމުގެ ހަގީގަތް ބެލުމަށް ފުލުހުންނަށް އަންގަވާފައެވެ.

ހޯމް މިނިސްޓަރު އިހުސާން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބޭރުގެ މާހިރުންނާ ގުޅިގެން ކުރެވުނު ތަހުގީގުން އެނގިފައިވަނީ އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ކަމަށެވެ.