މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމަށް މ. ލާލުބާއު، އަހްމަދު ޝަހީރު އައްޔަނުކުރައްވައިފިއެވެ.

ޝަހީރަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި 2015 އިން 2018 އަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާއިރު އެސްޓީއޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަންވެސް އޭނާ ވަނީ ފުރައްވާފައެވެ.

އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ، ޝަހީރު އަކީ ކޯޕަރޭޓް ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ފާއިޒެވެ. އެމްޓީޑީސީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ރައްޔިތުންގެ ހިއްސާ ހިމެނޭގޮތަށް ރިސޯޓުތައް ތަރައްގީކޮށް ހިންގުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.