މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އައްޔަންކޮށްފިއެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.

ނިޔާޒަކީ 2007 އަހަރުން ފެށިގެން އެމްޓީޑީސީގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ ތައުލީމީ ދާއިރާއިންނާއި މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފަ އެވެ. މަގާމަށް ނިޔާޒު އައްޔަނުކޮށްފައިވަނީ ނޮވެމްބަރު 30، 2023، ގަ އެވެ.

ކޯޕަރޭޓް ދާއިރާއަށް ވަނުމުގެ ކުރިން ނިޔާޒު ވަނީ ތައުލީމީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން، ސުކޫލް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، އަތޮޅުތެރޭގެ ގިނަ ސުކޫލްތަކެއްގެ ހެޑްމާސްޓަރުކަން އޭނާ ވަނީ ކުރައްވާފަ އެވެ.

އެ މަގާމަށް އަލަށް މިވަނީ ހާރިސް މުހައްމަދު އައްޔަންކޮށްފައެވެ. ހާރިސް މީގެ ކުރިން ހުންނެވީ ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އަދި 2015 އިން 2018އަށް އޭނާ ވަނީ އެމްއެމްޕީއާރުސީ ނުވަތަ މިހާރުގެ ގޮތަށް ނަމަ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.