ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

2026 އިން 2031 އަށް، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގައި ސޮއިކުރީ އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.

މި ކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މި ފްރޭމްވޯކްގެ ދަށުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށާއި، މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން ވެސް މި ފްރޭމްވޯކްގެ ދަށުން ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައިކަމަށާއި، ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން މިހާރު ވަނީ ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިކަަމަށެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް އާމާ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ ފްރޭމްވޯކުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް ރާއްޖެއިން ވަނީ 1.7 ބިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކޮށްފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީ އިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

އިންޖިނިއަރު އަދީބު އަލް އާމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ މުއައްސަސާއެކެވެ. 2008 ވަނަ އަހަރު އުފެދުނު މި މުއައްސަސާއިން މިހާތަނަށް އޯއައިސީގެ މެންބަރު ގައުމުތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފިނޭންސިން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.