ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސީ ހިކުމަތްތެރިކަމާއި ވިސްނުންފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނަމޫނާއަކަށް ނަންގަވައިގެން ފިލާވަޅު ލިބިގަންނަވަންޖެހޭ ކަންކަން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ފަލާހް ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަސްރަހާއި އިގްތިސާދަށް އަންނަމުންދާ ބަދަލުތަކަށް ދެ ބޭފުޅުންވެސް އަހުލުވެރިވާންޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ގޮތާއި، މިހާރުގެ ސިޔާސީ މަސްރަހު ހިނގާގޮތް ދެ ބޭފުޅުންނަށް ސާފުވެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ތިރިވާން ފަށާފައިވާކަން ފާހަގަކުރައްވައި، ފަލާހް ވިދާޅުވީ ކުރީގެ ވެރިންގެ އިގްތިސާދީ ވިސްނުންފުޅު ވަނީ އައުޓްޑޭޓްވެފައި ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާ ސަބަބާ މެދު ސިޔާސީ ޕާޓީތަކުންނާ ކުރީގެ ވެރިން އަލުން ދިރާސާކުރަންޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ކަމަށާއި، މަޖިލިސް ރޫޅާލުމަށް އިދިކޮޅުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ކުރީގެ ރައީސުންނާ ދެކޮޅަށް ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކެވުމަށް ރައީސް މުއިއްޒު އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާކަން ފަލާހް ފާހަގަކުރެއްވިއެވެ.