މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ ތޯހިދުލް އިސްލާމް (35އ)، މޮނީރް ބެޕާރީ (37އ)، ޖަކިރް މުންޝި (46އ)، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)، އެމް.ޑީ އުސްމާން (23އ)، މޮހައްމަދު ބަބްލޫ އަލީ (34އ)، އެމް.ޑީ ރައިހާން (32އ)، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ.

މި މައްސަލައިގައި ފުލުހުން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މި ނުވަ މީހުން ރާއްޖެއިން ޑީޕޯޓްކޮށް ދިނުމަށް އެދި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހުން ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.