މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  1. ހުސައިން ޝާވިން (26އ)، ކ. ހުރާ / ސާނީވިލާ
  2. މަރްޔަމް އިޝާ އަޝްރަފް (21އ)، ތ. ތިމަރަފުށި / ވިލާ
  3. މުހައްމަދު ނާހިލް (25އ)، ސ. ހުޅުދޫ / ރޭޝަމް

މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކުރުމަށްފަހު، މާފަންނު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ޝާވިން އަދި އިޝާ އަޝްރަފްގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ. އަދި މުހައްމަދު ނާހިލްގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.