ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ އިޖުރާތުތައް ހަރުދަނާކުރުމާއި، ކައުންސިލްތަކުގެ އެއްބާރުލުން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރައިސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބިލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދަކީ، ތަރައްގީގެ މަޝްރޫއުތައް އެއްވެސް ހުރަހެއްނެތި ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މަގުފަހި ކުރުމާއި، މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އެންމެހައި އިޖުރާތުތައް ހަރުދަނާ އުސޫލެއްގެ ދަށަށް ގެނައުމެވެ. އެގޮތުން، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމުގެ ކުރިން ގައުމީ އިދާރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް މި ބިލުގައި މިހާރު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ގައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ހިދުމަތް ދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި "އިންޓަގްރޭޓަޑް ސާވިސް ސެންޓަރު" ތަކެއް ގާއިމުކޮށް، އެ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގެ ބާރުވެސް މި އިސްލާހުގެ ދަށުން ވަނީ ދީފައެވެ.

ހަމައެއާއެކު، މި ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ބަދަލުކުރެވުނު، ކުރީގެ އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، މި 19 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ ބަދަލުވެފައެވެ.

ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާ ގުޅިގެން މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.