މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުމުގެ މިންވަރު ހުރިގޮތް ދެނެގަތުމަށްޓަކައި ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ހާއްސަ ސާވޭއެއް މިއަދު ފަށައިފިއެވެ.
މި ސާވޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގޭބިސީތަކުގެ އެވްރެޖް ހަރަދާއި، އެކި ކަންކަމަށް ކުރާ ހަރަދު ދެނެގަތުމުގެ އިތުރުން ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު އެކުލަވާލުން ހިމެނެއެވެ. އަދި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ބުރަދަން އިސްލާހުކުރުމާއި، ގޭބިސީތަކުގެ އާމްދަނީއާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ދެނެގަތުންވެސް ހިމެނެއެވެ.
މި ސާވޭގައި އެއްކުރުމަށް ހަމަޖެހިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އާންމު ފަރުދުންގެ ތައުލީމީ ފެންވަރު، ހިޖުރަކުރުން، އާމްދަނީ އަދި ވަޒީފާގެ މައުލޫމާތު ހިމެނެއެވެ. އަދި އާމްދަނީ ނުލިބި ކުރާ މަސައްކަތާއި އަމިއްލަ ގޭބިސީ އާއި އާއިލާއަށް ކޮށްދޭ ހިދުމަތްތަކުގައި ހޭދަކުރާ ވަގުތުގެ އިތުރުން ފޯނު، ކަރަންޓު، ފެން ބިލް، ފަރުނީޗަރު، ދަތުރުފަތުރު، ސިއްހީ އަދި ތައުލީމީ ހަރަދުތަކުގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކާބޯތަކެއްޗާއި އަންނައުނަށް ކުރާ ހަރަދާއި ލޯނާއި ކްރެޑިޓާ ގުޅޭ މައުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސާވޭ އޮގަސްޓު 28 އިން ސެޕްޓެމްބަރު 10 ގެ ނިޔަލަށް ކުރިއަށްދާއިރު ސްޓެޓިސްޓިކްސް މޯލްޑިވްސްއިން ވަނީ މި މައުލޫމާތު އެއްކުރުމަށް ދާ ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި އެއްކުރެވޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އެ ބިއުރޯއިން ދެއެވެ.
