ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަދި ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމާ ގުޅިގެން، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 10.4 ޕަސެންޓް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.61 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 ޕަސެންޓް ކުރިއެރުމެކެވެ. މީގެ ތެރެއިން ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 12.1 ޕަސެންޓް ކުރިއެރުމެކެވެ.

މި މުއްދަތުގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ޓީޖީއެސްޓީ އެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 7.4 ޕަސެންޓް އިތުރުވުމެކެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 5.55 ބިލިއަން ރުފިޔާ ލިބި، އެ ބައިން ވަނީ 20.5 ޕަސެންޓް ކުރިއެރުމެއް ހޯދާފައެވެ. މީގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 2.86 ބިލިއަން ރުފިޔާ އާއި، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ލިބުނު 924.5 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން، އާންމު ޖީއެސްޓީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ (10.8 ޕަސެންޓް އިތުރު)، އިމްޕޯޓް ޑިއުޓީން 2.19 ބިލިއަން ރުފިޔާ (16.6 ޕަސެންޓް އިތުރު)، އަދި ގްރީން ޓެކްސްގެ ގޮތުގައި 1.40 ބިލިއަން ރުފިޔާ (6.2 ޕަސެންޓް އިތުރު) ވަނީ ލިބިފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ (13.4 ޕަސެންޓް އިތުރު) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ (15.2 ޕަސެންޓް އިތުރު) ލިބިފައިވާއިރު، ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 105.7 ޕަސެންޓް އިތުރުވެ، 455.7 މިލިއަން ރުފިޔާއަށް އަރާފައެވެ. މުދަލުން ލިބުނު އާމްދަނީވެސް ވަނީ 31.9 ޕަސެންޓް އިތުރުވެ 1.68 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 19.3 ޕަސެންޓް އިތުރުވެ 28.74 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ހަރަދެވެ. އެގޮތުން ރިކަރަންޓް ހަރަދަށް 25.00 ބިލިއަން ރުފިޔާ (20.8 ޕަސެންޓް އިތުރު) ހޭދަކޮށްފައިވާއިރު، އޭގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ (11.1 ޕަސެންޓް އިތުރު) އަދި އިދާރީ ހިންގުމަށް 15.54 ބިލިއަން ރުފިޔާ (27.0 ޕަސެންޓް އިތުރު) ވަނީ ހޭދަވެފައެވެ. އެހީއާއި ސަބްސިޑީގެ ހަރަދުތައް 43.0 ޕަސެންޓް އިތުރުވެފައިވާއިރު، އޭގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 76.3 ޕަސެންޓް އިތުރުވެ 3.54 ބިލިއަނަށް އަދި އާސަންދައަށް ކުރި ހޭދަ 13.5 ޕަސެންޓް އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 15.8 ޕަސެންޓް އިތުރުވުމަކާއެކު 1.66 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައި ޖުމްލަ 3.75 ބިލިއަން ރުފިޔާ (10.2 ޕަސެންޓް އިތުރު) ހޭދަކޮށްފައިވާއިރު، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް 3.26 ބިލިއަން ރުފިޔާ (9.1 ޕަސެންޓް އިތުރު) ހޭދަކޮށްފައިވެއެވެ. މިގޮތުން ބިމާއި އިމާރާތްތަކަށް 1.20 ބިލިއަން ރުފިޔާ (47.1 ޕަސެންޓް އިތުރު) އަދި ފާލަމާއި ބަނދަރު ހެދުމަށް 284.5 މިލިއަން ރުފިޔާ (63.9 ޕަސެންޓް އިތުރު) ހޭދަކުރިއިރު، މަގުތަކާއި ބްރިޖް އަދި އެއާޕޯޓް މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ 32.1 ޕަސެންޓް ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް ނިޒާމުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވަމުން އަންނައިރު، އާންމު ހިދުމަތްތަކާއި، ކައުންސިލްތަކަށް ދޭ އެހީ އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުން ކުރާ ހޭދަވެސް ދަނީ ފުޅާވަމުންނެވެ.