ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ސަރުކާރުން ހުށަހަޅައިގެން ފާސްކުރި މުހިންމު ބިލުތަކަކީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފާސްކުރި ބިލުތަކެއް ނޫން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ބިލުތައް ފާސްކޮށްފައިވަނީ އަވަސްއަރުވާލައިގެން ކަމަށާއި މެންބަރުންނަށް އެކަށީގެންވާ ބަހުސެއް ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ބިލު އަހަރެއްހާ ދުވަހު ބޭއްވުމަށްފަހު، ސަރުކާރު ބަންދު ރޭގަނޑެއްގައި ކޮމިޓީ ބާއްވައިގެން ފާސްކުރީ އިތުރު ބާބެއް ވެސް ހިމަނައިގެން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ތަޖުރިބާކާރުންގެ ލަފައެއް ނުހޯދައި، ހަމައެކަނި ސަރުކާރުން އެންގި ގޮތަށް ބިލުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ނިމިދިޔަ ދައުރުގައި ފާސްކުރި އެއްވެސް ބިލަކީ އުސޫލީ އިޖުރާއަތްތައް (ޑިއު ޕްރޮސެސް) ފުރިހަމަކޮށްގެން ފާސްކުރި ބިލުތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.