ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަން ބޭނުންވާ ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދަށުން، ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މިފަހަރުގެ ބައްދަލުވުމަށް ހުޅުވާލާފައި ވަނީ ޖުމްލަ 8 ދާއިރާއަކަށެވެ. އެ ދާއިރާތަކަކީ:

  • ހެންވޭރު އުތުރު ދާއިރާ
  • މިލަންދޫ ދާއިރާ
  • ވެލިދޫ ދާއިރާ
  • ތުޅާދޫ ދާއިރާ
  • ފެލިދޫ ދާއިރާ
  • މުލަކު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ގުރައިދޫ ދާއިރާ

މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމަށް ރައީސް އޮފީހުން ބުނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީހަ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

މީގެއިތުރުން، "ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތަކާއި އިތުރު ތަފްސީލުތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.

މި ސިލްސިލާ ބައްދަލުވުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.