ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރިސޯޓުތަކަށް ލިބޭ ޑޮލަރުން ބޮޑު ޕަސެންޓެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި އިންވެސްޓަރުންގެ އިތުބާރަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިންޒާރު ދީފިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓުތަކުން އެމްއެމްއޭއަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު 20 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުމަށާއި، ފަހުން އެ އަދަދު 100 ޕަސެންޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. މީގެއިތުރުން ޑޮލަރު ޖަމާކުރަންޖެހޭ މުއްދަތު ކޮންމެ މަހަކަށް ބަދަލުކުރުމަކީ ވެސް ވިޔަފާރިތަކަށް އޮތް ބުރައެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުއްލިއަކަށް މިފަދަ ބަދަލެއް ގެނައުމަކީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭންކު ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމަންޓްތަކަށް ވުމުން، އެ ފަރާތްތަކުން ޑޮލަރުން ބޮޑެތި ދަރަނި އަދާކުރަންޖެހޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް އިންވެސްޓަރުން އަންނަ މައިގަނޑު ސަބަބަކީ އެކަށީގެންވާ ފައިދާއެއް ލިބޭތީ ކަމަށްވާއިރު، އެ ފުރުސަތު ހަނިކުރުމުން ފަތުރުވެރިކަމުގެ ދާއިރާގެ ހަމަޖެހުމާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއީ ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ގެންނަ ފޫނުބެއްދޭ އިސްލާހެއް ކަމަށެވެ. އަދި ސަރުކާރުގެ ބޭކާރު ހަރަދުތަކާއި މާލީ ނިޒާމުގެ ބަލިކަށިކަން ހައްލުނުކޮށް، ގައުމަށް ޑޮލަރު ވައްދާ ސިނާއަތްތަކުގެ ބޮލުގައި އިގްތިސާދީ ދަތިކަމުގެ ބުރަ އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއީ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، މިކަމުގެ ސަބަބުން އިތުރު އެންމެ ޑޮލަރެއް ވެސް އުފެދިގެން ނުދާނެ ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ. އަދި މަރުކަޒީ ބޭންކަށް ނަގާ ޑޮލަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ފޯރުކޮށްނުދީ ސަރުކާރުގެ ހަރަދުތަކަށް ބޭނުންކުރާނަމަ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދިޔުމުގެ ބަދަލުގައި އިތުރަށް އުފުލިގެންދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމަށްވެފައި، އެތައް ހާސް ދިވެހިންނެއްގެ ވަޒީފާއާއި ދިރިއުޅުން އެ ދާއިރާއާ ގުޅިފައިވާތީ، ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ގެއްލުން ރިސޯޓު މުވައްޒަފުންނާއި މުޅި އިގްތިސާދަށް ފޯރާނެ ކަމަށް އެމްޑީޕީން ދެކެއެވެ.
އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން އޭގެ ގެއްލުން އިގްތިސާދަށް ދޫކޮށްނުލައި، މާލީ މައްސަލަތަކުގެ އަސްލަށް ހައްލު ހޯދުމަށާއި، މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ސިނާއަތުގެ އިސް ފަރާތްތަކާ މަޝްވަރާކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ދުރުރާސްތާގެ ހަރުދަނާ މާލީ ސިޔާސަތެއް ނެތި ގެންނަ މިފަދަ ވަގުތީ ބަދަލުތަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
