އެމެރިކާއިން އެތެރެކުރާ މުދަލުގެ ތެރެއިން 28 ބިލިއަން ކެނެޑާ ޑޮލަރުގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނަގަން ކެނެޑާއިން އަންގާރަ ދުވަހު ނިންމައިފިއެވެ.
ކެނެޑާގެ އޮފިޝަލުން ބުނި ގޮތުގައި، މި ފިޔަވަޅަކީ ހުކުރު ދުވަހު ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ މުދަލުން 50 އިންސައްތަ ޓެރިފް ނަގަން ނިންމެވުމުން އެކަމަށް ރައްދުދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ކެނެޑާއިން ނަގަން ފަށާ އާ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ކެނެޑާގެ ފިނޭންސް މިނިސްޓަރު ފްރާންސުވާ-ފިލިޕް ޝެމްޕޭން ވިދާޅުވި ގޮތުގައި، އެމެރިކާގެ ނިންމުމުގެ ސަބަބުން ކެނެޑާގެ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެހެންކަމުން ކެނެޑާއިން އެކަމަށް ރައްދުދޭން ޖެހޭނެ ކަމަށާއި، މިއީ މުނާސަބު އަދި ސްޓްރެޓީޖިކް ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން ގެއްލުންވާ ކެނެޑާގެ ވިޔަފާރިތަކާއި މަސައްކަތްތެރިންނަށް އެހީވުމަށް 7.5 ބިލިއަން ކެނެޑާ ޑޮލަރުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޝްވަރާތަކުގައި އެމެރިކާއިން ހުށަހެޅީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ނުދޭ ފަދަ ލުއިފަސޭހަ ފުރުސަތުތަކެއް ކަމަށެވެ. ނަމަވެސް ކެނެޑާއިން އެކަން ގަބޫލުނުކޮށް، ހުށަހެޅީ ގަބޫލުނުކުރެވޭ ފަދަ ޝަރުތުތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.
ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓުތަކެއްގައި ވިދާޅުވީ، ކެނެޑާއިން އެމެރިކާގެ ދަނޑުވެރިންގެ އަތުން ބޮޑެތި ޓެރިފްތައް ނަގަމުންދާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކެނެޑާއިން އެތެރެކުރާ ކާރުން 50 އިންސައްތަ ޓެރިފް ނަގާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. މީގެ އިތުރުން، އެމެރިކާއާއި ކެނެޑާ ގުޅޭ ސަރަހައްދުގައި އޮންނަ ލޭކް އޮންޓޭރިއޯގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވި ގޮތުގައި، ޓްރަމްޕް ބޭނުންފުޅުވަނީ ކެނެޑާގެ ކާރު އުފެއްދުމުގެ ސިނާއަތާއި ދަގަނޑާއި އެލްމިނިއަމްގެ ސިނާއަތް ހަލާކުކޮށްލާށެވެ. އޮންޓޭރިއޯގެ ޕްރިމިއަރ ޑަގް ފޯޑް ހޯމަ ދުވަހު ޓްރަމްޕަށް ފާޑުވިދާޅުވުމަށްފަހު، އަންގާރަ ދުވަހު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސްރަހު ތަންކޮޅެއް ހޫނުވި ކަމަށާއި، ނަމަވެސް އޭނާ ބޭނުންވަނީ ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާހުރި އެއްބަސްވުމަކަށް އައުމަށް ކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ މެދުގައި އޮންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ޔޫއެސްއެމްސީއޭ) ގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފައެވެ. ކެނެޑާއާއެކު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުން، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ އެ ގައުމުގެ އިކޮނޮމީ ސެކްރެޓަރީ މާސެލޯ އެބްރާޑް ކުއްލި މަޝްވަރާތަކަކަށް ވޮޝިންޓަނަށް ފޮނުއްވާފައެވެ.
ކެނެޑާއިން ޓެރިފް ނަގަން ނިންމާފައިވާ އެމެރިކާގެ 900 އަށް ވުރެ ގިނަ ބާވަތުގެ މުދަލުގެ ލިސްޓެއް އަންގާރަ ދުވަހު ވަނީ އާންމުކޮށްފައެވެ. ކެނެޑާގެ އޮފިޝަލުން ބުނި ގޮތުގައި މި ލިސްޓުގައި ހިމެނޭ ތަކެއްޗަކީ ކެނެޑާގެ ރައްޔިތުންނަށް އެހެން ގައުމުތަކުންވެސް ހޯދިދާނެ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކުރިން 25 އިންސައްތަ ޓެރިފް ނަގަމުންދިޔަ ދަގަނޑާއި އެލްމިނިއަމްގެ ބާވަތްތަކުން 50 އިންސައްތަ ޓެރިފް ނެގުން.
- މާމުއި، ފަރުނީޗަރު، އަންނައުނު، މޭކަޕް އަދި ސެންޓު ފަދަ ތަކެތިން 50 އިންސައްތަ ޓެރިފް ނެގުން.
- ދޮންނަމެޝިން، ޗީޒް ފަދަ ޑެއިރީ އުފެއްދުންތައް، މަހުގެ ބާވަތްތައް އަދި ދަގަނޑާއި އެލްމިނިއަމް ބޭނުންކޮށްގެން އުފައްދާފައިވާ ބައެއް ތަކެތިން 25 އިންސައްތަ ޓެރިފް ނެގުން.
- ފޯކްލިފްޓާއި އޭސީ ފަދަ މެޝިނަރީތަކުން 15 އިންސައްތަ ޓެރިފް ނެގުން.
ކެނެޑާގެ ކޮންޒަވޭޓިވް އިދިކޮޅު ޕާޓީން ވަނީ އެމެރިކާއާއެކު އެކުލަވާލަން އުޅުނު އެއްބަސްވުމުގެ ޑްރާފްޓް އާންމުކުރުމަށް ގޮވާލާފައެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ކެނެޑާގެ ގިނަ ރައްޔިތުން ތާއީދުކުރަނީ އެމެރިކާއާ ދެކޮޅަށް ސަރުކާރުން ސާބިތުކަމާއެކު ތިބުމަށެވެ.
